29 މޭ 2025 - 12:45 0
އަމަން ހަލީމް
ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރަނީ: ކުދި އަދަދުތައް ބަޖެޓުކުރާ މައްސަލަ އޮޑިޓަރުން ފާހަގަކުރި --- ފޮޓޯ: އަތޫފް އާތިފް/އަދަދު
29 މޭ 2025 - 12:45 0
އުމްރާނީ ތަރައްގީއަށް ބަޖެޓުކުރި ފައިސާ ހުސްވީ ފަހުން ވެސް މަޝްރޫއުތައް ހިންގަން ކޮންޓްރެކްޓުތަކުގައި ސޮއިކޮށް، އެޑްވާންސަށް ފައިސާ ދޫކުރި ކަމަށް 2023 ވަނަ އަހަރުގެ ސަރުކާރުގެ މާލީ ބަޔާންތަކުގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ "ކޮންސޮލިޑޭޓަޑް ފައިނޭންޝަލް ސްޓޭޓްމަންޓްސް 2023" ގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓުން އިތުރުކުރި އަދަދާ އެކީ، ޕީއެސްއައިޕީ ބަޖެޓަކީ 10.3 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަހަރު ނިމުނުއިރު މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
މިހެން ދިމާވި ސަބަބެއް ކަމަށް، ފިނޭންސް މިނިސްޓްރީން އޮޑިޓަރުންނަށް މައުލޫމާތު ދިން ގޮތުގައި، ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 1.6 ބިލިއަން ރުފިޔާ ހަރަދުކުރީ އަންދާޒާ ކުރި ވަރަށް ވުރެ މަޝްރޫއުތަކުގެ ދުވެލި އަވަސްވުމުންނެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ ޕީއެސްއައިޕީ ބަޖެޓު އިތުރުވީ ތިން ކަމެއް ފާހަގަކޮށްފަ އެވެ. އެއީ އޭގެ ކުރީ އަހަރުތަކުގެ ހަރަދުތަކެއް 2023 ވަނަ އަހަރުގެ އަހަރުގެ ހަރަދުތަކުގެ ގޮތުގައި ރެކޯޑުކުރުމާއި، ބައެއް މުއާމަލާތްތަކުގައި ހުރި ހަރަދުތައް ކަށަވަރުކުރެވޭ ވަރުގެ ލިޔެކިޔުން ނެތުމާއި، ބަޖެޓު ހުސްވީ ފަހުން ވެސް އެއްބަސްވުންތަކުގައި ސޮއިކުރަމުން ދިޔުމެވެ.
އޮޑިޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އޮޑިޓާ ޖެނެރަލް އޮފީހުން ބުނީ، ޕްރޮޖެކްޓުތައް ހިންގޭނެ ވަރަށް ބަޖެޓު ނުކުރާތީ، އެހެން މަޝްރޫއުތަކަށް ހަރަދުކުރަން ހުރި ފައިސާ ރީއެލޮކޭޓުކޮށްގެން ހަރަދުުތައް ހަމަޖައްސަން ޖެހިފައިވާ ކަމަށެވެ.
މި ގޮތަށް ބަޖެޓު ސީލިންތަކުގެ ދަށުގައި އަދަދުތައް ބަހައްޓަން ކުދި އަދަދުތަކެއް ބަޖެޓުކޮށް، އެހެން ތަންތަނުން ފައިސާ ނަގައިގެން ހަރަދުތައް ކުރަން ޖެހުމުން ހަރަދުތައް އިތުރުވެ، މުސްތަގުބަލުގައި ކުރަން ޖެހޭ ހަރަދުތަކަށް ވެސް އަސަރުކުރާ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.
ޕީއެސްއައިޕީ ބަޖެޓުގެ ހަރަދުތައް ހަރުދަނާކުރަން ދިން ލަފާގައި އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ، އަހަރުގެ ތެރޭގައި ހިންގަން ރާވާފައިވާ ހުރިހާ މަޝްރޫއުތަކެއް ހިމަނައިގެން ބަޖެޓު އެކުލަވާލަން ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓާ އެއްގޮތަށް ހަރަދުތައް ކުރުމަށާއި ބަޖެޓު ވަޔަމަންޓު ޕޮލިސީގައި ކަނޑައަަޅާފައިވާ މިންގަނޑުތަކަށް ހަރުކަށިކޮށް ތަބާވުމަށް ލަފާދީފައިވެ އެވެ.
Comment