Advertisement

ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ ތަހުގީގު ކުރަންޖެހޭނެ: މަހުލޫފު

29 މޭ 2025 - 08:09 0


ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ ތަހުގީގު ކުރަންޖެހޭނެ: މަހުލޫފު

29 މޭ 2025 - 08:09 0

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު، ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް ރިޕޯޓްގައި، ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ ތަހުގީގު ކުރަންޖެހޭނެ ކަމަށް މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ، 2023 ވަނަ އަހަރުގެ އެންމެ ފަހު ބައްދަލުވުމުގައިވެސް، ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އޮޑިޓަރުން މިނިސްޓްރީގެ ވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ޔޫތު މިނިސްޓްރީ އޮޑިޓް ކޮށްފައިވާއިރު، ފަސް އަހަރު ތެރޭ އެންމެ ފަހަރަކު ވެސް އެއްވެސް ކަމެއް އިސްލާހުކުރަން ރަސްމީ އަދި ނުރަސްމީ ލަފައެއް ދީފައިނުވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ނެރުނު، މި ރިޕޯޓަކީ ރައީސް، އަބްދުﷲ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެސް ހިމެނޭހެން ނެރެފައިވާ ރިޕޯޓެއް ކަމަށާއި މި ރިޕޯޓްގައި، ވަރަށް ބޮޑެތި އޮޅުންއަރާފަދަ މައުލޫމާތުތައް ވެސް އެބަހުރި ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އެ ގޮތުން، ޔޫތު މިނިސްޓްރީ އިން 576 ޕްރޮޖެކްޓު ހިންގިއިރު އޭގެ ތެރޭގައި ތަހުގީގުކުރަންޖެހޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވަނީ އެންމެ ދެ މައްސަލަ ކަމަށާއި އެއީ، އެފްއޭއެމް އިން ހިންގި ފުޓްބޯޅަ ސްކޫލް ޕްރޮޖެކްޓާއި މިނިސްޓްރީން ގަނެފައިވާ ވެހިކަލްގެ މައްސަލަ ކަމަށް މަހުލޫފް ފާހަގަކުރެއްވި އެވެ. މީގެ ތެރެއިން، ފުޓްބޯޅަ ސްކޫލަކީ، އެފްއޭއެމާ އޭގެ ކުރީގެ ސަރުކާރުން ހަވާލުކުރި ކަމެއް ކަމަށާއި ކޮންޓްރެކްޓަރު އޮޅުވާލައިގެން އައު ވެހިކަލެއް ގޮތަށް ވިއްކާލި މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

"ވަރަށް ބާރަށް 576 ޕްރޮޖެކްޓު ކުރިއަށްދިޔައިރު އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެކަން ކަށަވަރެވެ. ކޮރަޕްޝަންގެ މައްސަލައެއް އޮތްނަމަ ތަހުގީގު ކުރަންޖެހޭނެ އެވެ. އެންމެ ގިނަ ޕްރޮޖެކްޓު ހިންގި އެއް މިނިސްޓްރީއަށްވެފައި،ތަހުގީގު ކުރަންޖެހޭ އަދި އެއީ އަޅުގަނޑުމެންނާއި ގުޅުމެއްވެސްނެތް އެންމެ 2 މައްސަލަކަމަށްވީ ކަމީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެކެވެ،" މަހުލޫފު ލިޔުއްވާފައިވެ އެވެ.

މަހުލޫފު ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ، އަހަރުން އަހަރަށް އޮޑިޓް އޮފީހުން ރިޕޯޓް ނެރުމެވެ. އަދު، ހަތް އަހަރު ފަހުން، 576 ޕްރޮޖެކްޓް ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ނެރޭނަމަ، އަވަހަށް ކަމެއް އިސްލާހު ކުރަން ލިބޭ ފުރުސަތެއް އެއިރަކު ހުންނަ ކުޅިވަރާ ބެހޭ ވަޒީރަށް ނޫނީ ރައީސް އަށް ވެސް ނެތް ކަމަށެވެ. އަދި، އޮޑިޓް ރިޕޯޓް ނިންމާއިރު، މައުލޫމާތު ދޭން ތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއް ކަމުން އެންމެ ފުރިހަމަ މައުލޫމާތު ދޭނެ ކަމަށް ވެސް ނުބެލެވޭ ކަމަށާއި ލިޔެކިޔުންތައް ފުރިހަމަ ކޮށްދޭނެ ކަމެއް ވެސް ނުފެންނަ ކަމަށް މަހުލޫފު ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓްގައި، އޮޑިޓް އޮފީހުން ވަނީ، ތިން އިސްލާހެއް ގެނައުމަށް ލަފާ ދީފަ އެވެ. އެ ކަންތައްތަކަށް ބަލާއިރު، އެސޯސިއޭޝަންތަކުގެ ޕްރޮގްރާމް ބަޖެޓާއި ގުޅިގެން ހޯދާ ހަރަދު ރިޕޯޓްތައް ވަކިވަކި ހަރަދުތައް އެނގޭނެ ގޮތަށް ތަފްސީލްތައް ދެނެގަނެވޭނެ ގޮތައް ރިޕޯޓްތައް ތައްޔާރުކުރުމާއި މި ގޮތަށް އެސޯސިއޭޝަންތައް އަމަލުކުރޭތޯ މޮނިޓަކުރުމުގެ އިތުރުުން، ހަރަދުތަކުގެ ރިޕޯޓްތައް ދޭ އިރުޝާދާ އެއްގޮތަށް ތައްޔާރުނުކުރާ އެސޯސިއޭޝަންތަކަށް އަޅާނެ ފިޔަވަޅުތަކެއް މިނިސްޓްރީން އެކުލަވާލުމަށެެވެ.

މީގެ އިތުރުން، ދައުލަތުން އެސޯސިއޭޝަންތަކަށް ދޫކުރާ ފައިސާގެ ހިސާބުތައް ފަސޭހައިން ފެންނާނެ ގޮތަކަށް ބަހައްޓައި، ރަަސްމީ ކަމެއްގައި، ބޭނުންވެއްޖެނަމަ ފޯރުކޮށްދޭ ގޮތަށް ބެހެއްޓުމަށް ވެސް އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ. އަދި، މިނިސްޓްރީން އެސޯސިއޭޝަންތަކަށް ދޭ ފައިސާ ހަރަދުކުރުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރަދުކުރުމަށް އެސޯސިއޭޝަންތަކަށް އެންގުމުގެ އިތުރުން، އެކަން ކަށަވަރުކުރުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މަހުލޫފް ވިދާޅުވީ، ރަނގަޅު ކުރަންޖެހޭ ކަމަށް އޮޑިޓް އޮފީހަށް ފެންނަ ބައެއް ކަންކަން ފާހަގަކޮށްފައިވާއިރު، އަހަރުން އަހަރަށް އޮޑިޓް ރިޕޯޓު އާންމުކުރެވޭނަމަ، އިސްލާހުކުރަންޖެހޭ ކަމަށް މިނިސްޓްރީ އަށް ގަބޫލުކުރެވޭ ކަންކަން މަޝްވަރަަކޮށް އިސްލާހުކުރަން މުވައްޒަފުންނަށް ފަސޭހަވެގެންދާނެ ކަމަށެެވެ.

އެ ގޮތުން، ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތުގެ ސަބް ބޭސް އާއު ޓާފްގެ މަސައްކަތް ވަކިވަކިން އިއުލާން ކޮށްގެން މަސައްކަތް ކޮށްފައިވާނީ، ވަކިވަކިން މަސައްކަތް ކުރުމަށް ގާނޫނުން އެ ޖާގަ ލިބޭ ކަމަށް ގަބޫލުކުރެވޭތީ ކަން މަހުލޫފު ފާހަގަކުރެއްވި އެވެ. އަދި އެ ދެ މަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށް ވުރެ ހެޔޮ އަގުގައި ދައުލަތަށް ފައިދާވާ ގޮތަށް އަވަހަށް ކުރެވޭތީ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"މި ސަރުކާރުން ވެސް ވަކިވަކިން އެ މަސައްކަތް ކުރިއަށް އެ ގެންދަނީ އެ ސަބަބާ ހެދި ކަމަށް ގަބޫލުކުރެވެ އެވެ.،" މަހުލޫފު ވިދާޅުވި އެވެ.

މީގެ އިތުރުން، ޔޫތު މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، މިނިސްޓްރީން ހިއްސާކޮށްފައިވާ ލިސްޓު (އެކްސެލް ފައިލް) އެއްގައި ބައެއް މައުލޫމާތުތައް ފުރިހަމަ ނުވުމަކީ، ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ލިޔެކިއުން ފުރިހަމަ ނުވުމެއް ނޫން ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ލިޔެކިޔުން ގަސްތުގައި ފުރިހަމަނުކޮށް، މުވައްޒަފުން މަސައްކަތެއް ކޮށްފައިހުންނާނެ ކަމަަށް ގަބޫލު ނުކުރާ ކަމަށެވެ.

ރަށްރަށުގައި ހުރި ބައެއް ޔޫތު ސެންޓަރުތައް ނުބެލެހެއްޓޭކަން، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، މަހުލޫފު ވިދާޅުވީ، ލާ މަރުކަޒީ ގާނޫނަށް ގެނައި، އިސްލާހާ އެކު، ޔޫތު ސެންޓަރުތައް ހިންގުން ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައި ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން ދޭ ފައިސާ ހަރަދުކުރާގޮތް، އެ މިނިސްޓްރީން ރަނގަޅަށް މޮނިޓާ ނުކުރާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފައިވެ އެވެ.

އެ އަށް މަހުލޫފު ވިދާޅުވީ، އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ، 2018 ވަނަ އަަހަރުގެ ހަރަދުތަކަކީ، އޭގެ ކުރީ ސަރުކާރުގެ ހަރަދުތަކެއް ކަމަށާއި އޭނާ ހަވާލުވެހުއިރު، މިނިސްޓްރީ އިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަމުން ގެންދިޔައީ، ހަރަދު ތަފްސީލު މިނިސްޓްރީ އަށް ހުށަހަޅާ ގޮތަށް ކަމަށާއި އެ ތަފްސީލުތައް ލިޔުމުން ފެންނަން ހުންނާ ކަމަށެވެ.

މީގެ އިތުރުން، ސްޕޯޓްސް މިނިސްޓްރީގެ ބައެއް ފިކްސްޑް އެސެޓްސް ގެއްލިފައިވާ ކަމަށް ރިޕޯޓްގައި، ބަޔާކޮށްފައިވާއިރު، އޭގައި ވަނީ މި ސަރުކާރުން ސްޕޯޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ވަކިކުރިއިރު ގެއްލިގެން ދިޔަ ތަކެތި ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވާ ބައެއް ސާމާނުކަން މަހުލޫފު ފާހަގަކުރެއްވި އެވެ.