28 މޭ 2025 - 09:52 2
28 މޭ 2025 - 09:52 2
ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށްފަހު އެ ފަނޑިޔާރުންގެ ބަދަލުގައި ފަނޑިޔާރުން އައްޔަން ކުރެވޭނީ ވެސް އިޖުރާއަތާ ހިލާފަށް ކަމަށާއި އެއިރުން އުފެދޭނީ ޑިފެކްޓޯ ނުވަތަ އުނި ކޯޓެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މެއި 14، ގައި ވަކި ކުރީ ގާނޫނާ ހިލާފަށް ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކި ކުރުމަށްފަހު ބަދަލުގައި ފަނޑިޔާރުން އައްޔަން ކުރެވޭނީ ވެސް އިޖުރާއަތާ ހިލާފަށް ކަމަށް ދީދީ ވިދާޅުވި އެވެ.
"ގައިރު ދުސްތޫރީ ބާތިލް އިޖުރާއަތެއްގެ ދަށުން ފަނޑިޔާރުން ވަކިކުރުމަށްފަހު، އައްޔަންކުރާ ފަނޑިޔާރުންނަކީ ވެސް ބާތިލު އިޖްރާއާތެއްގެ ދަށުން އައްޔަންކުރެވިފައިވާ ފަނޑިޔާރުން ކަމުގައި މެނުވީ ނުވާނެކަމީ އުސޫލީ ގާއިދާއެއް،" އޭނާ ވިދާޅުވެފައިވެ އެވެ.
އިޖުރާއަތާ ހިލާފަށް ފަނޑިޔާރުން އައްޔަން ކުރުމުން ދެން އުފެދޭނީ ޑިފެކްޓޯ ކޯޓެއް ކަމަށެވެ. ޑިފެކްޓޯ ކޯޓެއްގެ މާނައަކީ ކޯޓެއްގެ ހުރިހާ ޝަރުތުތައް ހަމަނުވުމެވެ.
"ދުސްތޫރީ ސައްހަ އިޖްރާއަތެއްގެ ދަށުން ފަނޑިޔާރުން އައްޔަންކުރުމަކާ ނުލައި އުފެދޭ ކޮންމެ ކޯޓެއްމެ ބެލެވޭނީ 'ޑިފެކްޓޯ' ކޯޓެއް ކަމަށް،" ޑރ. ދީދީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.
މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަ ބެލީ މައްސަލަ ބަލަން އޮންނަ އިޖުރާއަތާ ހިލާފަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އެކަން ފާހަގަ ކުރެއްވި އެވެ. އެކަމަކު، ފަނޑިޔާރުން ވަކި ކުރަން މަޖިލީހުން ނިންމީ ފިލްޒާގެ ނިންމުމަށް ނުބަލަ އެވެ.
Comment