Advertisement

ޓެން ހާގްގެ އަމާޒަކީ ލެވަކޫސަންގެ ލެވަލް ހިފަހައްޓައި ކާމިޔާބު ހޯދުން

27 މޭ 2025 - 09:29 0


ޓެން ހާގްގެ އަމާޒަކީ ލެވަކޫސަންގެ ލެވަލް ހިފަހައްޓައި ކާމިޔާބު ހޯދުން

27 މޭ 2025 - 09:29 0

ބާލިން (މެއި 27) - ނެދަލެންޑްސްގެ ކޯޗު، އެރިކް ޓެން ހާގް، ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެ، ފާއިތުވި އަހަރުތަކުގައި އެ ކްލަބުން އޮތް ލެވަލްގައި ހިފަހައްޓައި އިތުރު ކާމިޔާބީތަކެއް ހޯދަން އަމާޒުކުރާ ކަމަށް ބުނެފި އެވެ.

ލެވަކޫސަންގެ ކޯޗުކަމުގައި ހުރި ޒަބީ އަލޮންސޯ ވަނީ އެ ޓީމު ދޫކޮށްލައި، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލް މެޑްރިޑާ ގުޅިފަ އެވެ. ލެވަކޫސަނުން އަޔަކްސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ޓެން ހާގް ގެނައީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ޓެން ހާގް، ލެވަކޫސަނާ ހަވާލުވުމަށް ފަހު، މީޑިއާއާ ބައްދަލުކުރި ފުރަތަމަ ކޮންފަރެންސްގައި ގިނަ ސުވާލުތަކަށް ވަނީ ޖަވާބުދީފަ އެވެ. އެ ގޮތުން، އެންމެ ބޮޑު ކަމެއްގެ ގޮތުގައި ޓެން ހާގް ފާހަގަކުރީ، އޭނާއާ މި ޒިންމާ ހަވާލުކުރަން، ލެވަކޫސަންގެ މެނޭޖްމަންޓުން ކުރި އިތުބާރުގެ ބަދަލު ދޭން ބޭނުންވާ ކަމަށެވެ.

"ލެވަކޫސަނަކީ ޖަރުމަނުގެ އިތުރުން ޔޫރަޕްގައި ވެސް ފާހަަގަކޮށްލެވޭ ވަރުގަދަ ކްލަބެއް. އަހަރެން ލެވަކޫސަނަށް މި އައީ ފާއިތުވި އަހަރުތަކުގައި އެ ކްލަބުން އެ ދަމަހައްޓަމުން އައި ލެވަލްގައި ކުރިއަށްދާން، ކާމިޔާބު ހޯދަން. ރަނގަޅު ޓީމެއް ބިނާކޮށް ކުރިއަށްދެވޭނެ ކަމުގެ އުންމީދު ބޮޑު،" ޓެން ހާގް ބުންޏެވެ.

ލެވަކޫސަންގައި ޓެން ހާގަށް އޮތް މަސައްކަތް ބޮޑެވެ. އެ ގޮތުން، އަލޮންސޯގެ އިތުރުން، ލެވަކޫސަނަށް ފާއިތުވި އަހަރުތަކުގައި ކާމިޔާބު ހޯދައިދޭން މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިން ވެސް އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން، ޖެރެމީ ފްރިމްޕޮން އާއި ފްލޯރިއަން ވާޓްޒް ވެސް އަންނަނީ ލިވަޕޫލަށް ބަދަލުވުމުގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ. ޖޮނަތަން ޓާ ވަނީ ބަޔާން މިއުނިކަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވެފަ އެެވެ.