Advertisement

ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް ދުނިޔޭގެ މުބާރާތުގެ ފައިނަލެއްގެ ފުރުސަތު

26 މޭ 2025 - 19:27 0


ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް ދުނިޔޭގެ މުބާރާތުގެ ފައިނަލެއްގެ ފުރުސަތު

26 މޭ 2025 - 19:27 0

ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) އަމްޕަޔަރު، މުހައްމަދު ޔާމީން އަށް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފައިނަލު މެޗެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ގަތަރުގެ ވެރި ރަށް ދޯހާގައި މި މަހު 17 އިން އިއްޔެގެ ނިޔަލަށް ބޭއްވި ދުނިޔޭގެ ޓީޓީ މުބާރާތަށް މުޅި ދުނިޔެއިން ނެގި 22 އަމްޕަޔަރުން ތެރޭގައި، ޔާމީން ހިމެނެ އެވެ. އަދި، މުބާރާތް ނިމެންދެން އިންސާފުކުރުމުގެ ފުރުސަތު ލިބުނު ހަތް އަމްޕަޔަރުންގެ ތެރޭގައި ވެސް ޔާމީން ހިމެނުނެވެ.

އެ ހަތް އަމްޕަޔަރުން ތެރޭގައި ހިމެނިގެން، ޔާމީން އިންސާފުކުރީ އަންހެން ޑަބަލްސް މެޗުގެ ފައިނަލުގަ އެވެ. މިއީ، އައިޓީޓީއެފް މުބާރާތެއްގެ ފައިނަލުގައި ދިވެހި އަމްޕަޔަރަކު އިންސާފުކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، ތާރީހުން ޔާމީނަށް ހާއްސަ ޖާގައެއް ލިބިގެންދިޔައީ އެވެ.

ސ. ފޭދޫ އަށް އުފަން ޔާމީން އަކީ ބްލޫ ބެޖް ހޯދި ރާއްޖޭގެ ފުރަތަމަ އަމްޕަަޔަރެވެ. އައިޓީޓީއެފް އިން ބެޖް ދިނުމުގައި ޓޭބަލް ޓެނިސް އަމްޕަޔަރުން ގިންތި ކޮށްފައިވަނީ ތިން ލެވަލަކަށެވެ. އެ ގޮތުން، ފުރަތަމަ ވައިޓް ބެޖް ދިނުމަށް ފަހު، ދެން އިން ލެވަލަކީ، ބްލޫ ބެޖް އެވެ. ދެން، އެންމެ މަތީ ފަންތި އަށް ގޯލްޑް ބެޖް ދެ އެވެ. ގޯލްޑް ބެޖް ތައާރަފްކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.

ޔާމީން، ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލް މެޗުގެ ތެރެއިން.----


ބްލޫ ބެޖް ހާސިލްކުރުމަށް ފަހު ޔާމީން ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަޒަކްސްތާންގެ ވެރި ރަށް އަސްތާނާގައި ކުރިއަށްދިޔަ އޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތާއި މި އަހަރުގެ ފެބްރުއަރީ މަހު ޗައިިނާގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ޓޭބަލް ޓެނިސް މުބާރާތުގައި ވެސް އިންސާފުކޮށްފަ އެވެ.

އަމްޕަޔަރުކަން ކުރަން ރަސްމީކޮށް، ޔާމީންގެ މަސައްކަތް ފެށުނީ، 2008 ވަނަ އަހަރު ބޭއްވި ބޭސިކް އަމްޕަޔަރު ކޯހާ ހަމައިންނެވެ. އެ ގޮތުން، 2016އާ ހަމައަށް ސަޓިފައިޑް އަމްޕަޔަރެއްގެ ގޮތުގައި ހުރުމަށް ފަހު، އެ އަހަރު ވައިޓް ބެޖް ހޯދި އެވެ. ޔާމީން، ބްލޫ ބެޖާ ހަމައަށް ދާން ކުރި މަސައްކަތް ވެސް ނުހަނު ގިނަ އެވެ.

ޔާމީން، އަމްޕަޔަރުކަން ކޮށްފައިވާ ބައިނަލްއަގުވާމީ އެހެނިހެން މުބާރާތްތަކަށް ބަލާއިރު، 2017 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕާއި އޭގެ އެއް އަހަރު ފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއާ ޖޫނިއާ މުބާރާތާއި ގަތަރުގައި 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.