Advertisement

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ އިސްތިއުނާފު ކުރަނީ

24 މޭ 2025 - 14:10 0

ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން: މިއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހު --- ފޮޓޯ: ފުލުހުން


ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ އިސްތިއުނާފު ކުރަނީ

24 މޭ 2025 - 14:10 0

ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލަ އަންނަ ހަފުތާގެ ތެރޭގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ޕީޖީ އޮފީހުން މިހެން ބުނީ އެ މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މައްސަލަ ސާބިތު ނުވުމުން މައްސަލަ އިސްތިއުނާފު ނުކުރާ ކަހަލަ ވިސްނުމެއް ގެންގުޅޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ފަހުންނެވެ.

މިކަން ދޮގުކުރަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހު ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. މިހެން ބުނި ނަމަވެސް، މައްސަލަ އިސްތިއުނާފު ނުކޮށް މިހާ ގިނަ ދުވަސްވީ ކީއްވެގެން ކަމެއް އޭނާ ނުބުނެ އެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހަތް މީހަކަށް، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ ކުރި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ވަނީ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރީ، މި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި އެންމެ މުހިންމު ހެކި ކަމުގައިވާ ސީސީޓީވީ ފުޓޭޖުގެ ޓައިމްސްޕޭމްޕް ދިމާ ނުވުމެވެ. މިއާ ގުޅުވައި ގާޒީ ހުކުމްކުރީ، އެ މީހުން އެ ކުށް ކުރި ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

ޝަމީމަށް ހަަމަލާ ދިން މައްސަލާގައި ދައުވާ ކުރީ ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް އާއި، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން އާއި ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމް އާއި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް އާއި، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން އާއި ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނުގެ އަދި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރުގެ މައްޗަށެވެ.

ޝަމީމަށް ހަމަލާދިނީ ސައިކަލު ޕާކޮށްފައި ގެެއަށް ވެދެވަޑައިގަންނަވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ. އަދި ޝަމީމަށް ހަމަލާދީފާ ވަނީ މަރުތޭލަކުން ކަމަށާއި އެ ހަމަލާގެ ސަބަބުން އޭނާގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދުލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އޭރު ފުލުހުން ދިން މައުލޫމާތުގައި ބުނީ، ޝަމީމަށް ހަމަލާ ދިނީ ދުރާލާ އޭނައަށް ފާރަލައިގެން ރޭވި އިންތިޒާމު ވެގެން ކަމަށެވެ. ނަމަވެސް އެ ހަމަލާ ދޭން މެދުވެރިވީ ސަބަބެއް ފުލުހުންނެއް ނުބުނެ އެވެ.