Advertisement

ނޫސްވެރިޔަކަށް އަނިޔާކުރި ތުހުމަތުގައި ފުލުހުން ކުށްވެރިނުކޮށް އެމްޖޭއޭއިން ނޫސްވެރިންނަށް ނަސޭހަތް ދީފި

24 މޭ 2025 - 07:50 4

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޖޭއޭގެ ބައްދަލުވުމެއްގެ ތެރެއިން: ނޫސްވެރިޔަކަށްވީތީ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުށްވެރިނުކޮށް ނޫސްވެރިންނަށް އެމްޖޭއޭއިން ނަސޭހަތް ދީފި -- ފޮޓޯ: އެމްޖޭއޭ


ނޫސްވެރިޔަކަށް އަނިޔާކުރި ތުހުމަތުގައި ފުލުހުން ކުށްވެރިނުކޮށް އެމްޖޭއޭއިން ނޫސްވެރިންނަށް ނަސޭހަތް ދީފި

24 މޭ 2025 - 07:50 4

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯން އެއް އަރުވަން ހުރި ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުށްވެރިނުކޮށް، މޯލްޑިވްސް ޖާނަލިސްޓު އެސޭސިއޭޝަން (އެމްޖޭއޭ) އިން ނޫސްވެރިންނަށް ނަސޭހަތްތެރިވެއްޖެ އެވެ.

ފުލުހުން އަނިޔާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވަނީ ވަން އޮންލައިންގައި މަލްޓި މީޑިއާ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދެވެ.

އެ މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ރޭ ބުނީ، ހަމްދާން އަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެ ޖަމިއްޔާގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަންހިނގާ ދިޔަގޮތް ބަލަމުންދާ ކަމަށެވެ. އެ ޕޯސްޓުގައި ފުލުހުން ކުށްވެރިކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ނޫސްވެރިންނަށް ނަސޭހަތްތެރިވެފައިވެ އެވެ.

"މި ޖަމިއްޔާއިން ނޫސްވެރިންނަށް ނަސޭހަތްތެރިވަނީ އާންމު އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާއި ރާއްޖޭގެ ގާނޫނުތަކަށާއި ގަވާއިދުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތަށް ނަގައިގެން ހަރަކާތްތެރިވުމަށެވެ،" އެމްޖޭއޭ އިން ބުނެފައިވެ އެވެ.

ހަމްދާންގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ޑްރޯން އެރުވީ ޓެސްޓު ކުރުމުގެ ބޭނުމަށް ކަމަށާއި ޑްރޯން އެރުވީ ހަތް ފޫޓަށް އުހަށް ކަމަށެވެ.

ޑްރޯން އަރުވަނިކޮށް ދެ ފުލުހަކު އައިސް ޑްރޯން އަރުވަނީތޯ ސުވާލުކޮށް ހުއްދަ ނެތް ނަމަ އެކަން ނުކުރަން އެންގި ކަމަށް ހަމްދާން ބުނެފައިވެ އެވެ.

ހަމްދާން ބުނި ގޮތުގައި ފުލުހުން ހަޑިހުތުރު ބަހުން ވާހަކަ ދައްކަން ފެށީ އޭނާގެ ވޮލެޓުގައި އޮތް ނޫސްވެރިޔެއްކަން އަންގައިދޭ ކާޑު ފެނުމުންނެވެ.

ޕްރެސް ކާޑު ފެނުމުން، ނޫސްވެރިޔަކަސް "ނުފުއްޕޭނެ" ކަމަށް ފުލުހުން ބުނެ ހަޑިހުތުރު ބަހުން ފުލުހުން ވާހަކަ ދެއްކި ކަމަށް އޭނާ ބުނެފައިވެ އެވެ.

ފުލުހުންނާ ދެމެދު ދެކެވުނު ބައެއް ވާހަކަތައް ހަމްދާން ފޭސްބުކްގައި ލައިވްކޮށްފައި ވާއިރު، ފުލުހުން އަދި ހަމްދާން ވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑު ސާފުކޮށް އިވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަން އަށް ހަމްދާން ގެންގޮސް އެތަނުގެ މެސް ރޫމަށް ވައްދައި، މޫނު މަތީ ތަޅައި އަނިޔާކުރި ކަމަށާއި ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށް ހަމްދާން ބުނެފައިވެ އެވެ. އޭނާ ގައިގައި ފަސް ފުލުހަކު ތެޅި ކަމަށް ހަމްދާން ތުހުމަތު ކުރެ އެވެ.

މި ތުހުމަތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުންގެ މީޑިއާ ޓީމުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ހަމްދާން ހައްޔަރުނުކުރާ ކަމަށާއި އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ މައުލޫމާތު ދިނުމަށާއި ޑްރޯން އެރުވުމުގެ ހުއްދަ ދެއްކުމަށް ދެކޮޅު ހަދައި ހުތުރު ބަހުން ވާހަކަ ދެއްކުމުން ކަމަށެވެ.