22 މޭ 2025 - 10:32 0
22 މޭ 2025 - 10:32 0
ބިލްބާއޯ، ސްޕެއިން (މެއި 22) - ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވުމަކީ ހިތްދަތި ކަމެއް ކަމަށާއި އެކަމަކު އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި އޮތް ޔުނައިޓެޑުން ރޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި 1-0 އިން ބަލިވީ، ޕްރިމިއާ ލީގުގެ 17 ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަތުންނެވެ.
ސަތާރަ އަހަރަށް ފަހު، ޓޮޓެންހަމް އިން ތަށްޓެއްގައި އަތްލިއިރު، މި ކާމިޔާބީއާ އެކު، އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބުނީ އެވެ. ޔުނައިޓެޑުން ސީޒަން ސަލާމަތްކުރަން މޮޅުވަން މަޖުބޫރުވެފައި އޮތް ފައިނަލުން ބަލިވެ، އެ ޓީމަށް މާލީ ގޮތުން ވެސް ގެއްލުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު، ސްޕޯޓިން ލިޒްބަން ދޫކޮށް، ޔުނައިޓެޑާ ހަވާލުވި އަމޮރިމްއާ ވަނީ ރޭ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އަމޮރިމް ބުނީ، މިއީ އެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި ކްލަބްގެ ނިންމުންތަކަށް އިހުތިރާމް ކުރާނެ ކަމަށެވެ.
"ސަޕޯޓަރުންނަށް ބުނަން އޮތް ވާހަކަ އަކީ، އިތުބާރާ އެކު ކުރިއަށް ދިއުން އޮތީ، މުސްތަގުބަލުގައި ވާނެ ގޮތެއްގެ ވާހަކަ މި ވަގުތު ދައްކަން ނެތިން،" އަމޮރިމް ބުންޏެވެ.
"ޔުނައިޓެޑްގެ ބޯޑާއި ސަޕޯޓަރުން އަހަރެން ބޭނުންނުވާ ކަމަށް ބުނެފިއްޔާ، ކްލަބުން އެއްވެސް ބަދަލެއް ހޯދުމެއް ނެތި އަހަރެން މާދަމާ ވެސް ދާން ތައްޔާރު، އެކަމަކު، އަހަރެން އަމިއްލަ އަށް، ނުވެގެން އިސްތިއުފާ ދޭން ނުނިންމާނަން، އަމިއްލަ އަށް ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،"
އަމޮރިމް، ޔުނައިޓެޑަށް ގެނައީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓެއް ދީފަ އެވެ
Comment