21 މޭ 2025 - 16:58 1
އަހުމަދު އާއިދު
ވާނުވާ ބަންދުގައި ތިބި މީހުންގެ ފަރާތުން އެ މީހުންގެ އާއިލާ، އެކުވެރިން އަދި ވަކީލުން ރައީސް މުއިއްޒު އާ ބައްދަލުކުރަނީ --- ފޮޓޯ؛ ރައީސް އޮފީސް
21 މޭ 2025 - 16:58 1
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންނަށް އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލަށް އެކުލަވާލީ ލުއިދިނުމުގެ ނިޒާމުގެ ދަށުން ދޫކޮށްލާ މީހުން ކަނޑައަޅާނީ ފުލުހުން އަދި ކަރެކްޝަންސް އިން ހަދާ ހާއްސަ އެސެސްމަންޓަކަށް ބެލުމަށްފަހު ކަމަށެވެ.
އެ އެސެސްމަންޓުގައި ބަލާނީ އެ މީހުން ދޫކޮށްލުމުން މުޖުތަމައަށް އޮތް ނުރައްކަލަށެވެ. އަދި، އެ އެސެސްމަންޓުގައި ބަންދުން ދޫކޮށްލާ މީހުން މޮނީޓާ ކުރަން ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޓެގު އަޅުވާފައި ބަންދަށް ލުއި ދޭނީ، ބަންދަށް ލުއި ދޭން ފެންނަ ހާލަތްތަކުގައި، ބަންދު މުރާޖައާކުރަން ކޯޓަށް ހުށަހަޅައިގެންނެވެ. މި ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.
ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން ލުޔަށް އެދޭ މީހުންގެ ވަކީލުންނަށް އެކަމަށް އެދުމުގެ ފުުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ސަރުކާރުން މި ގޮތަށް ނިންމާފައި މި ވަނީ، ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުޔެއް ހޯދައިގެން ދޭންް އެދި އެ މީހުންގެ ޖަމިއްޔާތަކުންނާއި އެ މީހުންގެ ވަކީލުން މިކަމަށް ލޮބީކޮށް، މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިތާ ދުވަސްތަކެއް ފަހުންނެވެ. މިފަހުން އެ މީހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކޮށް، އެ ކަމުގައި ހައްލުތަކެއް ހުށަހަޅާފަ އެވެ.
އެ ބައްދަލުވުމަށް ފަހު ރައީސް ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭ ގޮތުން ހުށަހެޅީ ހިޔާލުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަދި ބަންޑާރަނައިބު އަހުމަދު އުޝާމްއާ މަޝްވަރާކުރައްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment