21 މޭ 2025 - 08:27 0
21 މޭ 2025 - 08:27 0
ލަންޑަން (މެއި 21) - ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލަށް ތައްޔާރުވާން ރެއާލް ބެޓިސް އަށް ލުޔެއް ދޭން ލަލީގާ އިން ނިންމުމުން، ކޮންފަރެންސް ލީގުގެ ފައިނަލުގައި ބެޓިސްއާ ދެކޮޅަށް ކުޅޭ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ބެޓިސް އާއި ޗެލްސީ ކުޅޭ ކޮންފަރެންސް ލީގުގެ ފައިނަލް މެޗު އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މެޗުގެ ކުރިން، ސްޕެނިޝް ލީގުގެ ފަހު މެޗުގައި ބެޓިސް ކުޅެން އޮތީ ހޮނިހިރު ދުވަހުގަ އެވެ. އެކަމަކު، ބެޓިސް އިން ހުށަހެޅުމުން، ލަލީގާ އިން ވަނީ ބެޓިސްގެ މެޗު ހުކުރު ދުވަހަށް ބަދަލުކޮށްފަ އެވެ.
ޗެލްސީން ޕްރިމިއާ ލީގުގައި ކުޅޭ ފަހު މެޗުގައި ކުޅޭނީ އާދިއްތަ ދުވަހުގެރޭ، ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އެއީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޗެލްސީ އަށް މޮޅެއް ހޯދަން މަޖުބޫރު މެޗެކެވެ. ޕްރިމިއާ ލީގުގައި ފަހު ހުރިހާ މެޗެއް އެއްވަގުތެއްގައި ކުޅޭތީ، ޗެލްސީގެ މެޗު އަވަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ބެޓިސްގެ މެޗު ޝެޑިއުލަށް ލުޔެއް ދޭން ނިންމުމުން، މަރެސްކާ ބުނީ، ފައިނަލެއްގެ ކުރިން އެއް ޓީމަކަށް ބޮޑު ފަސޭހައެއްވާ ގޮތަށް ކަންތައްތައް ރޭވުމަކީ އިންސާފެއް ނޫން ކަމަށެވެ.
"އަހަރެން ހިތްހަމައެއް ނުޖެހޭ، 100 ޕަސެންޓް ގޯސް، އެއް ޓީމަކަށް 48 ގަޑިއިރު ލުއި ލިބޭ ގޮތަށް އެއް ޓީމަކަށް ފަސޭހަކޮށް ޔޫރަޕްގެ ފައިނަލެއް ނުކުޅެވޭނެ،" މަރެސްކާ ބުންޏެވެ.
"އަހަރެމެން ވެސް ކުޅެންވީ ހުކުރު ދުވަހު ނޫނީ އެ މީހުން ކުޅެންވީ އަހަރެމެން ކުޅޭ ގޮތަށް އާދިއްތަ ދުވަހު. އަހަންނަށް ނޭނގެ މިކަން ކުރަންވީ، ޕްރިމިއާ ލީގުން ކަމެއް، ލަލީގާ އިން ކަމެއް ނޫނީ ޔުއެފާ އިން ކަމެއް. އަހަރެން ބޭނުންވަނީ ތި މީހުން ގާތުގައި އަހަން، އެއީ އިންސާފުވެރި ގޮތެއްތޯ، އެއް ޓީމަކަށް 48 ގަޑިއިރު އިތުރަށް ތައްޔާރުވާން ލިބުމަކީ،"
މަރެސްކާ ބުނީ، ކޮންފަރެންސް ލީގުގެ ފައިނަލުގައި ޗެލްސީން ފަށާނެ 11 ކުޅުންތެރިންގެ ތެރެއިން ޖާގަ ޔަގީންވެފައި އޮތީ ގޯލްކީޕަރު، ފިލިޕް ޖޯގެންސަން އަށް ކަމަށެވެ. މުޅި މުބާރާތުގައި ޖޯގެންސަން ކުޅެފައި، ފައިނަލް މެޗުގައި އެހެން ކުޅުންތެރިއަކު ގޯލަށް ކުޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.
Comment