Advertisement

މެންޗެސްޓާ ސިޓީ އަށް ދަށް ސީޒަނެކޭ ނުބުނަން ގާޑިއޯލާ ދެއްކީ ޗެރިޓީ ޝީލްޑްގެ ވާހަކަ

20 މޭ 2025 - 09:31 0


މެންޗެސްޓާ ސިޓީ އަށް ދަށް ސީޒަނެކޭ ނުބުނަން ގާޑިއޯލާ ދެއްކީ ޗެރިޓީ ޝީލްޑްގެ ވާހަކަ

20 މޭ 2025 - 09:31 0

މެންޗެސްޓާ (މެއި 20) - މެންޗެސްޓާ ސިޓީ އަށް މިއީ ދަށް ސީޒަނެއްގެ ގޮތުގައި ގިނަ ބަޔަކު ދަށްކަމުން އަންނަ ވާހަކަތަކަށް ރައްދުދެމުން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ، ޗެރިޓީ ޝީލްޑްގެ ކާމިޔާބީ ފާހަގަކޮށްފި އެވެ.

ސިޓީން މި ސީޒަން ފެށީ، ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހު، ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްގެންނެވެ. އެކަމަކު، އެންމެ ފަހުން ހަތަރު އަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަން، ސިޓީ އަށް މި އަހަރު ލީގު ތަށި ގެއްލުނުއިރު، ޗެމްޕިއަންސް ލީގުން ވެސް ކެޓީ އެވެ. އަދި، މި ހަފްތާގައި އެފްއޭ ކަޕްގެ ފައިނަލުން ކްރިސްޓަލް ޕެލަސް އަތްދަށުވެ، އަށް އަހަރަށް ފަހު ތަށްޓަކާ ނުލައި ސީޒަން ނިންމާލަން ޖެހުނީ އެވެ.

މިހާރު ސިޓީ އަށް އޮތް ޓާގެޓަކީ، ގަދަ ފަސް ޓީމުގެ ތެރޭގައި ލީގު ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ.

"ވަރަށް މުހިންމު ކަމެއް (ޗެމްޕިއަންސް ލީގަށް) ކޮލިފައިވުމަކީ، ދެން، ލީގު ކަޕް ހޯދި ނިއުކާސަލް، ލީގު ކާމިޔާބުކުރި ލިވަޕޫލް، ކޮމިއުނިޓީ ޝީލްޑް ހޯދި ސިޓީ ނޫން އެހެން ޓީމުތަކަށް އަދި ތަށްޓެއް ނުލިބޭ. ދެން، ޗެލްސީ އަށް ބެޓިސްއާ ކުޅެގެން ކޮންފަރެންސް ލީގު ލިބިދާނެ، ޓޮޓެންހަމް ނޫނީ މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގު ކާމިޔާބުކުރާނެ، ދެން، އޮތް އެހެން ޓީމުތަކަށް އެންމެ ބޮޑު ކަަމަކަށް ކުރެވެން މި އޮތީ، ޗެމްޕިއަންސް ލީގަށް ކޮލިފައިވުން،" ގާޑިއޯލާ ބުންޏެވެ.

އެއް ވަނައިގައި އޮތް، ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލަށް 36 މެޗުން 83 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލުން ވަނީ މި މޮޅާ އެކު، 37 މެޗުން 71 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރެއްގައި އޮތް ޗެލްސީ އަދި ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް 37 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 36 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.

ގާޑިއޯލާ ބުނީ، ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންކުރަން ބޭނުންވަނީ، ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިންޓް ކަމަށެވެ.

"މި ވަގުތަށް ބަލާއިރު ހުރިހާ ފޯކަސް އެއް ހުރީ ފަހު ދެ މެޗަށް، ނަތީޖާ ނެރެން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި މިރޭ ސިޓީން ކުޅޭނީ އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށެވެ.