18 މޭ 2025 - 13:28 0
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.---- ފޮޓޯ: ހުސެއިން ވަހީދު / އަދަދު ސްޕޯޓްސް
18 މޭ 2025 - 13:28 0
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑް ކުރަން ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ނިންމާފައިވާއިރު އެ ހާލަތު ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެރޭ ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރިކަން ވަނީ ސިޓީ އަކުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އަންގައިފަ އެވެ. އެ ސިޓީގައި މައިގަނޑު ގޮތެއްގައި އަންގާފައިވަނީ، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގުޅިގެން ނިންމާފައިވާ ގޮތަށް، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއްގެ ދަށަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ގެންދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ދޭހަވާތީ އެވެ.
އޮލިމްޕިކް ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބީއޭއެމް ސަސްޕެންޑްކޮށްފައިވާކަން، ބީޑަބްލިއުއެފް އިން އަންގާފައިވާ ކަމަށެވެ. އަދި، މި ކަމުގެ މައުލޫމާތު އާންމުކޮށް ހިއްސާކުރާއިރު، މި ކަން ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.
"ސަސްޕެންޝަންގެ މި ހާލަތުން އަރައިގަތުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާ އެކު މި އަންނަނީ މަޝްވަރާތައް ކުރަމުން، މި ކަން މި ކުރަނީ، ކުޅިވަރުގެ އެންމެހާ މީހުންނާއި އެތުލީޓުންގެ ހައްގު ޔަގީންކުރެވޭނެ ގޮތަށް،" އޮލިމްޕިކް ކޮމިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގައިފަ އެވެ. މި ގޮތަށް ނިންމާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުންނެވެ.
ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމި އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބުދަ ދުވަހު އާންމުކުރި މެމޯއެއްގައި ވަނީ އެޑްހޮކް ކޮމިޓީއެއް އެކުލަަވާލިކަން އިއުލާނުކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައިސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފް އެވެ. އެ ކޮމިޓީން މިއަދު ހަވީރު ބެޑްމިންޓަން ކޮމިއުނިޓީއާ ބައްދަލުވުމެއް އޮތީ ތާވަލުކޮށްފަ އެވެ.
ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރިިއިރު، މީގެ ކުރިން، އެ ފެޑެރޭޝަނުން ރާއްޖެ އަށް ލަފާ ދީފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް ހެދުމަށެވެ. އެއީ، ބެޑްމިންޓަން އެސޯސިއޭޝަންގައި ކުރިން އޮތް ހިންގާ ކޮމިޓީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށެވެ. އެކަމަކު، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ވަނީ، އެ ކޮމިޓީގައި ގާނޫނީ ވަކީލަކާއި ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރެއް ހިމަނަން ހުށަހަޅައިފަ އެވެ. އޭގެ ފަހުން، އެ މަޝްވަރާތަކުގައި ހައްލަކަށް ނާދެވި އޮތީ އެވެ.
ދުވަސްތައް ދިގުލައި ގޮސް، ބީޑަބްލިއުއެފްގެ ބަހެއް ނުލިބި، ސްޕޯޓްސް ކޮމިޝަނަރު އޮފީހާއި އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު، އެކުލަވާލި ކޮމިޓީގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރެއް ނެތި، އެޑްހޮކް ކޮމިޓީއެއް އެކުލަވާލިތާ މާ ގިނަ ދުވަހެއް ނުވެ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރީ އެވެ.
ބެޑްމިންޓަން ކޮމިއުނިޓީގެ ގިނަ ބަަޔަކު ތުހުމަތު ކުރާ ގޮތުގައި، ބީއޭއެމްގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިދިއުމުގައި، އެސޯސިއޭޝަންގެ ރައީސްކަން އެންމެފަހުން ކުރެއްވި މޫސާ ނާޝިދު (މޫސަ)ގެ ދައުރު އެބައޮތެވެ. ތިން ދައުރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި މޫސަ މަގާމުން އިސްތިއުފާދިނީ މިދިޔަ ޖުލައި މަހު އެވެ. އެއީ، މަގާމުގެ ދައުރު ހަމަވިތާ ތިން މަސް ފަހުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރެ މޫސަ ކުރެއްވި ކަންތައްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުގީގު ކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment