Advertisement

ސުއޫދު ދެއްވި ހިޔާލަކީ ސިޔާސީ މަގާމުތައް އުނިކުރުމަށްފަހު ޖޭއެސްސީގައި ފަނޑިޔާރުން އެކަނި ބޭތިއްބުން

17 މޭ 2025 - 09:20 4

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު: ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއް -- ފޮޓޯ: އަދަދު ފައިލް


ސުއޫދު ދެއްވި ހިޔާލަކީ ސިޔާސީ މަގާމުތައް އުނިކުރުމަށްފަހު ޖޭއެސްސީގައި ފަނޑިޔާރުން އެކަނި ބޭތިއްބުން

17 މޭ 2025 - 09:20 4

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ސިޔާސީ މަގާމުތައް ބޭރު ކުރުމަށްފަހު އެ ކޮމިޝަނުގައި ފަނޑިޔާރުން އެކަނި ބައިތިއްބަން ހުސްނުއްސުއޫދު ހިޔާލެއް ދެއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ހުށަހެޅުއްވީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު އަދި ހައި ކޯޓުގެ ފަނޑިޔާރުން އެކަނި ޖޭއެސްސީގައި ތިބުމަށެވެ.

އޭގެ އިތުރުން ސުއޫދު ހުށަހެޅުއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ޖޭއެސްސީ އިން ނިންމައިފި ނަމަ، ކޮމަންވެލްތު ގައުމުތަކުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޕެނަލަކުން އެ ނިންމުން ރިވިއު ކުރުމަށެވެ.

ޖޭއެސްސީގައި މިހާރު 10 މެންބަރުން ތިބެ އެވެ. ފެހި ގާނޫނުއަސާސީއާއެކު އުފަންވި ކޮމިޝަން އެކުލަވާލާފައި އޮތް ގޮތުން ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ކޮމިޝަނަށް އޮވެ އެވެ.

އެގޮތުން ސީދާ އަދި ނުސީދާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް އައްޔަން ކުރާ ތިން މެންބަރަކު ކޮމިޝަނުގައި ތިބެ އެވެ. ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ ތިން މެންބަރުން ތިބެ އެވެ. މުޅި ޖުޑިޝަރީއަށް ލިބެނީ ވެސް ތިން ޖާގަ އެވެ. ދެން އިންނަވަނީ ގާނޫނީ ވަކީލުން އިންތިހާބު ކުރާ މެންބަރެކެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް

  1. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކު
  2. ބަންޑާރަނައިބު
  3. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
  4. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  5. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  6. އާންމުން ތަމްސީލު ކުރަން ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރަކު
  7. ދަށު ކޯޓުތައް ތަމްސީލު ކުރާ ގާޒީއަކު
  8. ހައި ކޯޓުގެ ފަނޑިޔާރަކު
  9. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު
  10. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރަކު

މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްޗަށް ގައިރު ގާނޫނީ ތަހުގީގެއް ހިންގައި، ދެ ފަނޑިޔާރަކު ވަކި ކުރިއިރު، މައްސަލަ ތަހުގީގު ކުރަން ކޮމިޝަނުން ހެދި ތިން މެންބަރުންގެ ކުޑަ ކޮމިޓީގައި ރައީސްގެ ތިން މެންބަރުން ތިއްބެވެ. އެއީ ރައީސްގެ މެންބަރާއި ބަންޑާރަނައިބާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ. ފަނޑިޔާރުން ވަކި ކުރީ މެއި 14، 2025، ގަ އެވެ.

ސުއޫދުގެ މައްސަލަތަލެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ. އެކަމަކު، މައްސަލަތައް ބަލަން ފެށުމުން މާޗް 4، 2025، ގައި ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، އިސްތިއުފާ ދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަނައިބު ފަނޑިޔާރުންނަށް ބިރު ދައްކާތީ އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން މުޅި ޖޭއެސްސީ ކޮންޓްރޯލް ކުރެވެ އެވެ. އެއިރުން ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލިސް ބޭނުންވާ ހަ މެންބަރަކު ޖޭއެސްސީއަށް އައްޔަން ކުރެވިދާނެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ގދ. ތިނަދޫގައި އޯގަސްޓް 27، 2023، ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޖޭއެސްސީ އެކުލަވާލާފައި އޮތް ގޮތުން ސިޔާސީ ނުފޫޒު ވަރަށް ބޮޑު ކަމަށާއި ޝަރުއީ ދާއިރާ މިނިވަން ވާނީ ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެން ކަމަށެވެ.

"ޝަރުއީ ދާއިރާއަކީ މިނިވަން މުސްތަގިއްލު ދާއިރާއެއް ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ. އެހެންނަމަވެސް ލިޔެކިޔުމުން އެކަނި މިނިވަންވަނީ. ސަރުކާރުގެ ނުފޫޒު އޮންނަނީ އިންތިހާއަށް ވައްދާފައިކަން އެބަ އެނގޭ. އެހެންވީމާ އަޅުގަނޑުމެން މެނިފެސްޓޯގައި ބަޔާންކޮށްފައި މިއޮތީ އެކަން ނިމުމަކަށް ގެންނާނެ ވާހަކަ. މިނިވަންކޮށްދޭނީ ހަގީގީ މާނާގައި. ޖޭއެސްސީގެ ކޮމްޕޮޒިޝަނުން ސިޔާސީ މީހުން މަދުކޮށް ޝަރުއީ މީހުން، ޝަރުއީ ދާއިރާގެ މީހުން ގިނަކޮށް ހަގީގީ ގޮތުގައި ޒިންމާދާރު ޖޭއެސްސީއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަނައިފަ އެވެ. އެ މެނިފެސްޓޯގެ 19.6 ވަނަ މާއްދާގައި ބުނެފައި ވަނީ ޖޭއެސްސީ އިސްލާހުކޮށް އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓައިލާނެ ކަމަށެވެ.