Advertisement

ގުދުރަތީ މާހައުލުގައި ދިރިއުޅުމުން ނުބައި އާދަތަކުން ދުރުކޮށްދޭ

18 މޭ 2025 - 13:17 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ގުދުރަތީ މާހައުލުގައި ދިރިއުޅުމުން ނުބައި އާދަތަކުން ދުރުކޮށްދޭ

18 މޭ 2025 - 13:17 0

ގުދުރަތީ މާހައުލުތަކާ ގާތް ހިސާބުތަކުގައި ދިރިއުޅުުމުން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތައް މަދުކޮށްދޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް އެކްސިޓާ އިން، ޔޫރަޕިއަން ޔޫނިއަންގެ ހޮރައިޒަން 2020 ޕްރޮގްރާމުން ފަންޑުކުރާ ބްލޫ ހެލްތު ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، ގުދުރަތީ މާހައުލުތަކަށް ހުށަހެޅުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އާދަވެގެން ބަނގުރާ ބުއިން ފަދަ ނޭދެވޭ އާދަތަކާއި، އަމަލުކުރުން މަދުވުމާ ދެމެދު ވަރަށް ބޮޑު ގުޅުމެއްވެ އެވެ.

މި ދިރާސާއަކީ 18 ގައުމެއްގައި، 18،838 ބޮޑެތި މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. މި ދިރާސާއިން ހާމަވި ގޮތުގައި، އެންމެ ގިނައިން ގަސްގަހާގެހި ހުރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، އެފަދަ ތަންތަން މަދު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާ އަޅާބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ފުރުސަތު 13 އިންސައްތަ ކުޑަ އެވެ. އަދި އާދަވެގެން ބަނގުރާ ބުއިމުގެ ފުރުސަތު 31 އިންސައްތަ ކުޑަކަން ފާހަގަކުރެވިފައިވެ އެވެ.

އޭގެ އިތުރުން، ހަފްތާއަކު އެއް ފަހަރު ގަސްތުގައި ގުދުރަތީ މާޙައުލުތަކަށް ޒިޔާރަތްކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކޮށްދޭ ކަމެއްކަން ވެސް މި ދިރާސާއިން ފާހަގަކުރެވިފައިވެ އެވެ. ނަމަވެސް، ބަނގުރާ ބުއިމުގެ މައްޗަށް މިކަމުގެ އަސަރު އެހާ ބޮޑުކަމަކަށް ފާހަގަކުރެވިފައެއް ނުވެ އެވެ.

ވިއެނާ ޔުނިވާސިޓީގެ ޑރ. މެޓް ވައިޓް ފާހަގަކުރައްވާ ގޮތުގައި، ގުދުރަތީ މާހައުލުތަކަށް ހުށަހެޅުމުން، ބަނގުރަލާއި ނިކޮޓީން ފަދަ ތަކެއްޗަށް ހުންނަ އެދުން ކުޑަކޮށްދެ އެވެ. އެއީ ގުދުރަތީ މާހައުލުތަކުން ހިތްހަމަޖެހުމާއި މަޑުމައިތިރިކަން ލިބިދީ، އެފަދަ ތަކެއްޗަށް ބޭނުންވާ ބޭނުންވުން ކުޑަކޮށްދޭތީ ކަމަށް ބެލެވެ އެވެ.

ދިރިއުޅޭ ސަރަޙައްދުގައި ގުދުރަތީ ގޮތުން ފެހިކަން ގިނަވުމަކީ، އެ މީހެއްގެ ގޭގެ 250 މީޓަރުގެ ތެރޭގައި އަމިއްލަ ގަސްއިންދާފައިވާ ބަގީޗާތަކާއި، ޕާކުތަކާއި، އެހެނިހެން ފެހި ތަންތަން ހުރުން ފަދަ ކަމެކެެވެ.

މި ދިރާސާގެ އިސް ފަރާތް ޑރ. ލީއަން މާޓިން ފާހަގަކުރައްވާ ގޮތުގައި، ގުދުރަތީ މާހައުލުގެ ފައިދާތައް އެއްވެސް ތަފާތުކުރުމެއް ނެތި، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ލިބެ އެވެ. މީގެ ތެރޭގައި މީހާގެ އާމްދަނީއާއި ތައުލީމީ ފެންވަރު ފަދަ ކަންކަމަށް ބެލުމެއް ނެތެވެ. މިއީ ސިއްހި ގޮތުން ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އަންމު ސިއްހަތަށް ބަލާއިރު، މި ދިރާސާގެ ނަތީޖާތަކަކީ ވަރަށް އަގުހުރި ނަތީޖާތަކެކެވެ. ފެހި މާޙައުލުތަކަކީ ޢާންމު ސިއްޙަތު ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްކަމަށް މި ދިރާސާއިން ހުށަހަޅަ އެވެ. ގުދުރަތީ މަންޒަރުތަކަށް ޒިޔާރަތްކުރުމަށް ބާރުއެޅުމަކީ، ދުންފަތް ހުއްޓުވުމަށް ހިންގޭ ޕްރޮގްރާމްތަކަށް އިތުރު ބާރެއް ގެނެސްދޭނެ ކަމެކެވެ. ބޮޑެތި ފެހި ސަރަޙައްދުތަކަށް ފަސޭހައިން ނުދެވޭ މީހުން ވެސް، ގަސްތުގައި ޕާކުތަކަށް ނުވަތަ އެހެން ވެސް ގުދުރަތީ ތަންތަނަށް ޒިޔާރަތްކުރުމުން ބޮޑެތި ފައިދާތަކެއް ލިބެ އެވެ.

މި ދިރާސާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. އެކި ގައުމުތަކާއި، އެކި ސަގާފަތްތަކާއި، ތިމާވެށީގެ ތަފާތުތަކާއެކުވެސް، މި ދިރާސާގެ ނަތީޖާތައް އެއްގޮތްކަން ފާހަގަކުރެވެ އެވެ. މިއީ ގުދުރަތީ މާޙައުލުގެ ހެޔޮ އަސަރުތައް އެއްވެސް ތަނަކަށް ނުވަތަ ސަގާފަތަކަށް ހާއްސަނުވެ، އެންމެންނަށް ޢާންމުކަން ދައްކައިދޭ ކަމެކެވެ.

ދިރިއުޅުމުގެ އެންމެހާ ކަންކަމުގެ ތެރެއަށް ގުދުރަތީ މާޙައުލު ވައްދައި، އެއީ ދިރިއުޅުމުގެ ބައެއް ކަމުގައި ހެދުމަކީ، ސިއްޙަތު ރަނގަޅު ދިރިއުޅުމަކަށް އެޅޭ ވަރަށް ފަސޭހަ، އަދި މުހިންމު ފިޔަވަޅެއްކަން މި ދިރާސާއިން ވަރަށް ސާފުކޮށް އެނގެއެވެ.

މި ދިރާސާ ވަނީ ހެލްތް އެންޑް ޕްލޭސް ޖާނަލްގައި ޝާއިއުކޮށްފަ އެވެ.