Advertisement

ފަނޑިޔާރުން ވަކިކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށް އދ. އިން ބުނެފި

15 މޭ 2025 - 20:06 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިއްޔެ ވަކިކުރި އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު: ފަނޑިޔާރުން ވަކިކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށް އދ. އިން ވަނީ ބުނެފަ ---


ފަނޑިޔާރުން ވަކިކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށް އދ. އިން ބުނެފި

15 މޭ 2025 - 20:06 2

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެން ކަމަށެވެ.

"ފަނޑިޔާރުން ހަމައެކަނި ވަކިކުރެވޭނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރަކު ނުކުޅެދޭ ހާލަތުގައި ނުވަތަ މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެއް ހިންގާ ހާލަތުގައި އެކަންކަން ބެލުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށްފަހު،" މާގަރެޓް ވިދާޅުވެފައިވެ އެވެ.

އޭނާ މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން އެޕްރީލް 17، ގައި ނެރުނު ބަޔާން ހިއްސާކުރައްވަމުންނެވެ. ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާދެއްވީ އެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ. އެ ފުރުސަތު ދީފައެއް ނުވެ އެވެ.