15 މޭ 2025 - 09:17 0
15 މޭ 2025 - 09:17 0
ލަންޑަން (މެއި 15) - ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަށް އިތުރު އެއް އަހަރު ޓީމު ލީޑުކުރުމުގެ ފުރުސަތު ދިނުމަށް ޗެލްސީގެ ބޯޑުން ނިންމައިފި އެވެ.
ލެސްޓާގެ ކޯޗުކަން ދޫކޮށް، މިދިޔަ އަހަރު މަރެސްކާ، 45، ޗެލްސީއާ ހަވާލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މި ސީޒަނުގައި، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައިނުވެއްޖެނަމަ، މަރެސްކާ ވަކިކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
އެކަމަކު، ޗެލްސީގެ، ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ ޕޯލް ވިންސްޓަންލީ އާއި ލޯރެން ސްޓެވާޓް ވަނީ، މަރެސްކާގެ މަސައްކަތުގެ އިވެލުއޭޝަނެއް، މި ސީޒަނާއި އަންނަ ސީޒަނުގައި އެއްކޮށް ހަދަން ނިންމައިފަ އެވެ. މާނަ އަކީ، މަރެސްކާގެ މުސްތަގުބަލާ ގުޅޭގޮތުން، ޗެލްސީން ގޮތެއް ނިންމާނީ އަންނަ އަހަރު ކަމެވެ.
ލީގުގައި ބާކީ ޗެލްސީ އަށް އޮތީ ދެ މެޗެެވެ. އެއީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗާއި ރަށުންބޭރުގައި ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރާ މެޗެވެ. ޗެލްސީ މި ވަގުތު ފަސް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވުރެ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.
ކުރިން މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރި މަރެސްކާ އަށް މި ސީޒަނުގައި ޗެލްސީ އަށް ތަށްޓެއް ހޯދައިދިނުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގެވެ. މި މުބާރާތުގެ ފައިނަލުގައި، ޗެލްސީން މި މަހު 28 ވަނަ ދުވަހު ސްޕެއިނުގެ ރެއާލް ބެޓިސްއާ ކުޅޭނެ އެވެ.
Comment