14 މޭ 2025 - 11:25 0
ހަސަން މުހައްމަދު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން: ގޮވައިލީ މި ނޫން ދުވަހެއް ވެސް އަންނާނެކަން ދަނެގެން މެންބަރުން ގޮތެއް ނިންމުމަށް -- ފޮޓޯ: މަޖިލިސް
14 މޭ 2025 - 11:25 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
ފަނޑިޔާރުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ، ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިން ނަމަވެސް ޕީއެންސީއިން ބޭނުންވާ ގޮތަކަށް މައްސަލަ ނިންމިދާނެ ކަމަށެވެ. އެކަމަކު، ޖަވާބުދާރީވުމުގެ ފުރުސަތު ދީފި ނަމަ، އިޖުރާއަތްތަކާ އެއްގޮތަށް މަޖިލިސް ހިނގާ ތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަނީ އަޅުގަނޑުމެން މިގޮތަށް މި ރިޕޯޓަށް ގޮތެއް ނިންމުމުގެ ކުރިން ކީއްތޯއޭ ވާނީ ފަނޑިޔާރުންނަށް ކޮންމެވެސް ކަހަލަ ޖަވާބެއް ދެއްވަން އިއްޒަތްރެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފުރުސަތެއް ދެއްވަން. އަޅުގަނޑުމެންގެ ސުޕާމެޖޯރިޓީ އެބަ އޮތް. އެހެންވީމާ އެބޭފުޅުންނަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމަކުން މި އިއްޒަތްރެރި މަޖިލީހުގެ މެންބަރުން ނަގާ ޑިޒިޝަނަކަށް ބަދަލެއް އަންނާނީއެއް ވެސް ނޫން،" އަޒާން ވިދާޅުވި އެވެ.
ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް އަޒާން ގޮވައިލީ، ފަނޑިޔާރުންގެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، "މި ނޫން ދުވަހެއް ވެސް އަންނާނެކަން" ދަނެގެން ގޮތެއް ނިންމުމަށެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން، މި އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މި ރިޕޯޓާމެދު ގޮތެއް ނިންމާއިރު މި ނޫން ދުވަހެއް ވެސް އަންނާނެކަން ދެކިވަޑައިގަނެގެން ތިއްބަވައިގެން ގޮތެއް ނިންމަން،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ އިން ތިން ބާރު ވަކިވެފައި އޮތް ނަމަވެސް މިހާރު މި ފެންނަނީ ވެރިކަމުގެ ބާރުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށް ވެސް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވި އެވެ.
"[ފެހި] ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު،" އަޒާން ވިދާޅުވި އެވެ.
ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމީ އަދި ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސް ކުރީ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ކަމަށް އަޒާން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ބަހުސް ކުރަމުންދާ ރިޕޯޓު، މިކަންތައްތަކަށް ބަލައިލާއިރު، އެކަންތައްތައް ހިނގާފައި ވަނީ މުޅިއަކުން އެ މަގުންނޭ ދެންނެވޭކަށް ނެތް. ޖޭއެސްސީއިން މައްސަލަ ބެލިއިރު ހުރިހާ މައްސަލައެއް ސިއްރު. އިއްޒަތްތެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އެ ރިޕޯޓު ދިރާސާ ކުރެއްވި އިރު ކޮމިޓީ ސިއްރު،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ދިވެހިރާއްޖޭގައި އަދުލް އިންސާފު ލިބެނީ، ވެރިކަމުގައި ތިބޭ ބޭފުޅުން ދެއްވުމުން ކަމަށެވެ.
"އަދުލު އިންސާފަކީ މި ގައުމުގައި ނިކަމެތިންނަށް ލިބޭ އެއްޗެއް ނޫން. އެއީ އެއިރު ވެރިކަމުގައި ތިއްބަވާ ފަރާތަކުން ދެއްވީމަ ލިބޭ އެއްޗަކަށްވެފައި މި އޮންނަނީ. އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި ގޮސްފި ފުލުސް ކޯޓު ހަދައިގެން ދިވެހި ރައްޔިތުން ޖަލަށްލި ޒަމާނެއް ވެސް. އޭގެ ފަހުން އަޅުގަނޑުމެން ގާނޫނުއަސާސީއެއް ހަދައިގެން ފަނޑިޔާރުގެއާއި ވެރިކަމުގެ ބާރާއި މަޖިލިސް މި ތިން ބާރު ވަކިކޮށް ވެރިކަން ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
Comment