Advertisement

ޒަކިއްޔާގެ އޮޓޮޕްސީ ނުހެދީ ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށް ވިދާޅުވެ ފުލުހުންގެ ނިންމުން އިހުސާން ދިފާއު ކުރައްވައިފި

14 މޭ 2025 - 08:27 0

ޒަކިއްޔާ މޫސާ: އޮޓޮޕްސީއެއް ހަދަން ކަމަށް ބުނެ އޭނާގެ ހަށިގަނޑު މާލެއަށް ވެސް ގެނައި -- ފޮޓޯ: އާއިލާ


ޒަކިއްޔާގެ އޮޓޮޕްސީ ނުހެދީ ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށް ވިދާޅުވެ ފުލުހުންގެ ނިންމުން އިހުސާން ދިފާއު ކުރައްވައިފި

14 މޭ 2025 - 08:27 0

ވަރަށް ބޮޑެތި ޒަހަމްތަކާއެކު ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ އޮޓޮޕްސީއެއް ނުހެދީ ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށް ވިދާޅުވެ، އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހަދަން ނިންމި ނިންމުން މިނިސްޓަރު އަލީ އިހުސާން ދިފާއު ކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ސެޕްޓެމްބަރު، 2024، ގައި ކަރަސް ލިބިފައި ހުރި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ޕޯސްޓްމޯޓަމް އޮޓޮޕްސީ ނުހެދީ ރާއްޖޭގައި އެވަގުތު ހުރި ޕެތޮލިޖިސްޓެއްގެ ލަފާގެ މަތިން ކަމަށެވެ.

"ޒަކިއްޔާގެ ހާދިސާ ދިމާވުމަށްފަހުގައި އެތަނަށް ހާއްސަ ތަހުގީގު ޓީމެއް ގޮސްފައި ނިންމީ ޒަކިއްޔާގެ އޮޓޮޕްސީ ހަދަން މާލެ ގެންނަން. އިއްތިފާގުން އެ ވަގުތަކީ ރާއްޖޭގެ ޑޮކްޓަރުކަން ކިޔަވަމުންދިޔަ ކުދިންނަށް ކިޔަވައިދޭން އައިސްފަ އިން ރާއްޖެއިން ބޭރުގެ ޕެތޮލޮޖިސްޓެއް އެވަގުތު ރާއްޖޭގައި ހުރީ. އެމީހާއަކީ އެތައްހާސް އޮޓޮޕްސީއެއް ހަދާފައި ހުރި މީހެއް. އެމީހާ އެވަގުތު މިކޮޅުގައި ހުރީމަ އެމީހާގެ ކޮންސަލްޓޭޝަނެއް އަޅުގަނޑުމެން ނެގީ. ޓެކްނިކަލީ އެމީހާގެ ފަންނީ ލަފައެއް ހޯދީ އެކަމުގައި," މިނިސްޓަރު ވިދާޅުވި އެވެ.

ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ފުލުހުންނަށް ހެދުނު ގޯހެއް ކަމަށް އިހުސާން ވިދާޅުވެފައިވާ ކަމަށް ޒަކިއްޔާގެ އާއިލާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޮޓޮޕްސީ ހެދުމަށް ކަމަށް ބުނެ ޒަކިއްޔާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން މާލެ ވެސް ގެނަ އެވެ. ފަހުން ފުލުހުން ހެދީ "ޑިޖިޓަލް އޮޓޮޕްސީ" އެކެވެ. އޭގެ ނަތީޖާއިން ވެސް ދައްކަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ފުލުހުން ބުނެ އެވެ.

ސެޕްޓެމްބަރު 10، 2024، ގައި އޭނާ ދިރިއުޅެމުން އައި ގޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ކަރުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އޭގެ ތެރޭގައި 10 ސެންޓިމީޓަރާއި ނުވަ ސެންޓިމީޓަރާއި ހަތް ސެންޓިމީޓަރާއި ފަސް ސެންޓިމީޓަރުގެ ޒަހަމް ހުއްޓެވެ. ފުލުހުން ބުނީ ޒަކިއްޔާ އަމިއްލައަކަށް ވަޅިއަކުން ކަރަށް ހަމަލާ ދިނީ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ފޯރަމުގައި އިތުރަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ޒަކިއްޔާއަށް ލިބިފައިވާ ޒަހަމްތައް ބެލުމަށްފަހު، އޮޓޮޕްސީ ހެދި ނަމަވެސް އޭނާގެ ލަފަޔާ ތަފާތު ނަތީޖާއެއް ނާންނާނެ ކަމަށް، ފުލުހުން ކޮންސަލްޓު ކުރި ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

"އެމީހާ، ޒަކިއްޔާއަށް ލިބިފައި ހުރި އަނިޔާތަކާ ހުރިހާ އެއްޗެއް ބަލާފައި އޭނާގެ އެކްސްޕީރިއަންސްގައި އަޅުގަނޑުމެންނަށް ދިން ޕްރޮފެޝަނަލް ލަފާ މިއީ، ދީފަ އެ މީހާ މި ބުނަނީ އިތުރަށް ބޭރަށް ގެންގޮސްގެން، ހަށިގަނޑު އިތުރަށް ފަޅައިގެން ބެލިއަސް ކޯސް އޮފް ޑެތު އާއި އޭނާ އެ ދިން ޕްރޮފެޝަނަލް އޮފީނިއަން ތަފާތުވާނެ ކަމަކަށް އޭނާ ގަބޫލު ނުކުރާ ކަމަށް," އޭނާ ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހަދަން އޭނާގެ އާއިލާއިން ވަނީ ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ. އެ މައްސަލައިގައި ފުލުހުން ދައްކަނީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަތަކެއް ކަމަށް އާއިލާއިން ބުނެ އެވެ.

"ހޮޅުދޫގެ ރައްޔިތުންނާއި އާއިލާއިން މިތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫން. ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ. އަމިއްލަ އަށް ކަރުގައިވަޅި އަޅާފައިވާ ކަމަށް ބުނާ ނަމަ ދެ ފަރާތުގައި އަށް ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަމާއި އެ ބަލީގެ ނަމަކީ ކޮބައިކަން ވެސް ބުނެދޭން ޖެހޭނެ،" އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.