Advertisement

ފުލުހުންގެ އަގު ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުން ކަމަށް އިހުސާން ވިދާޅުވެއްޖެ

13 މޭ 2025 - 10:43 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން : ފުލުހުންގެ އަގު ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުން ކަމަށް މިނިސްޓަރު ރޭ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ފުލުހުންގެ އަގު ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުން ކަމަށް އިހުސާން ވިދާޅުވެއްޖެ

13 މޭ 2025 - 10:43 2

ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލި، އެ ހިދުމަތުގެ އަގު ވެއްޓުމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އަހާ ފޯރަމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޑިމޮކްރަސީ ގެނައުމުގެ ސަބަބުން ސަރުކާރުގެ އިދާރާތަކުގެ އަގު ވެއްޓިފައިވާ ކަމަށެވެ. ފުލުހުން މުއްސަސާގެ އަގު ވެއްޓުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަށް މިއައި ޑިމޮކްރަސީގެ ތެރެއިން މިއައި ބޮޑު ބަދަލުގެ ތެރޭގަ އޭގެ އެއް ކޮސްޓަކީ އިންސްޓިޓިއުޝަންތަކުގެ އަގު. އިންސްޓިޓިއުޝަންތަކުގެ ކަރާމާތް ނަގާލަނީ. ސިޔާސީ ބޭނުމަށްޓަކައި ކޮންމެ ބަޔަކުވެސް އިދިކޮޅުގަ ތިބޭއިރު ފުލުހުންނާ މި ދިމާކުރަނީ،" އިހުސާން ވިދާޅުވި އެވެ.

އެގޮތަށް ފާޑުކިޔާ ފަރާތްތަކުން ވެރިކަމަށް އައުމުން ފުލުހުންގެ އެއްވެސް މައްސަލައެއް ނުފެންނަ ކަމަށާއި ރަނގަޅުކުރަން ޖެހޭ ކަންކަން ނުފެންނަ ކަމަށް ވެސް ވަޒީރު ރޭ ވިދާޅުވި އެވެ.

"މިހެން ހަދަމުން ހަދަމުން ހަދަމުން ގޮސް ފުލުހުންގެ އިދާރާގެ އަގުވެއްޓުމުގެ ދެބައިކުޅަ އެއްބައި މިއޮތީ ގޮސްފަ. އަނެއް ބަޔަކީ ފުލުހުންގެ އިދާރާގެ ތެރޭގަ ޕްރޮފެޝަލަންކޮށް އަޅުގަނޑުމެން ދޭން ޖެހޭ ބައެއް ހިދުމަތްތައް އެގޮތަށް ނުދެވޭތީ ދިމާވާ ކަންކަން،" އިހުސާން ވިދާޅުވި އެވެ.

އެކަންކަން ހައްލުކުރުމަށް މި ވެރިކަން ހަވާލުކުރިއިރު ތަމްރީނު ނުހަދާ ތިބި 1000 ފުލުހުންގެ އަދަދު 300 އަށް ދަށްކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ ތަމްރީނުވެގެން ތިބޭ ޕްރޮފެޝަލް ފުލުހުން ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާ ކުރުމަށާއި ތަހުގީގުތަކުގެ ކޮލިޓީ އާއި ދުވެލި އަވަސް ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަން އިހުސާން ރޭ ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު ހަމަ ކޯޝަން ކުރަން ބޭނުން. އަބަދުވެސް ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސްފަ ފުލުހުންގެ މުއައްސަސާއާ މި ތޮޅޭ ތޮޅުން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އެބަޖެހޭ އެ ނޫން މަންޒަރުތަކެއް ފެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއަށް ސިޔާސީ ޕާޓީތަކުގެ އިތުރުން ރައްޔިތުންގެ ފާޑުކިޔުންތައް ވެސް އަބަދުމެހެން އަމާޒުވެ އެވެ. ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ނިޒާމެއް އައުމުގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފުލުހުން ކުރި އަނިޔާތަކުގެ ވާހަކަ އޭރު ދައްކަމުން ދިޔަ އެވެ.

މި ފަހުން ފުލުހުންނަށް އެންމެ ބޮޑު ޕްރެޝަރެއް އަމާޒުވީ މިދިޔަ މަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހެދުމުންނެވެ. އެ މައްސަލައިގައި ކުރިމަތިވި ޕްރެޝަރުގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން ވެސް، މިދިޔަ އަހަރު ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަންހެނެއްގެ މައްސަލަ އާއި މަރުގެ އެހެން މައްސަލަތަކުގެ ތަހުގީގުތަކާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.