Advertisement

އަލް ޖަޒީރާގެ ސާމީ ޒައިދަން ރައީސް މުއިއްޒަށް މަސައްކަތް ކޮށްދިން ކަން ހާމަވެއްޖެ

4 މޭ 2025 - 16:04 1

ރައީސް މުއިއްޒާއި އަލް ޖަޒީރާގެ ސާމީ: ރައީސް މުއިއްޒަށް ކޮންސަލްޓަންސީ ދިން ސްޕީޗު އަލް ޖަޒީރާއިން ކަވަރު ކުރި -- ފޮޓޯ: ލުއިސް ކުއިރޯޒް ގާސިއާ/އިންސްޓަގްރަމް


އަލް ޖަޒީރާގެ ސާމީ ޒައިދަން ރައީސް މުއިއްޒަށް މަސައްކަތް ކޮށްދިން ކަން ހާމަވެއްޖެ

4 މޭ 2025 - 16:04 1

ރައީސް މުހައްމަދު މުއިއްޒުގެ އިންޓަވިއުއެއް ނެގި އަލް ޖަޒީރާގެ ސާމީ ޒައިދަން، ރައީސް މުއިއްޒަށް ކޮންސަލްޓަންސީ މަސައްކަތެއް ކޮށްދީފައިވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އަލް ޖަޒީރާއަށް އިންޓަވިއުއެއް ދެއްވީ މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން އޮކްޓޯބަރު 14، 2023، ގަ އެވެ. އެއީ ސާމީ ހުށަހަޅުއްވައިދޭ "ޓޯކް ޓު އަލް ޖަޒީރާ" ޕްރޮގްރާމުގަ އެވެ.

ރައީސް މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އދ. ގައި ރައީސް މިދިޔަ އަހަރު ދެއްވި ތަގުރީރު ދެއްވުމުގެ ކުރިން ސާމީގެ ކޮންސަލްޓަންސީ ހޯއްދަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ސްޕީޗް ޑެލިވާ ކުރުމުގައި އެއަށް ބައެއް ކޮންސަލްޓަންސީ [ސާމީ ޒައިދަން] ދެއްވާފައިވޭ، އޭގެ ހުށަހެޅުމުގައި ގެންގުޅޭނެ އުސޫލުތަކާއި ނޫނީވިއްޔާ ހުށަހެޅުމުގެ ހުނަރުތަކާ ގުޅޭ ގޮތުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ފޮރިން މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ސާމީ ޒައިދަން ތަމްރީނުތަކެއް ދެއްވިކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ. އެ ސުވާލު ކުރެއްވުމުން ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސެޕްޓެމްބަރު 24، 2024، ގައި އދ. ގައި ރައީސް މުއިއްޒު ދެއްވި ތަގުރީރު އަލް ޖަޒީރާއިން ވަނީ ކަވަރުކޮށްފަ އެވެ. ރައީސްގެ ތަގުރީރުގައި، އިޒްރޭލު އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުޅުވާފައި ހުރި އަލް ޖަޒީރާގެ އޮފީސްތައް ބަންދު ކުރުމުން އެކަން ކުށްވެރިކޮށް ވާހަކަ ދައްކަވާފައިވެ އެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ސާމީ ޒައިދަންއާ ގުޅުންތަކެއް އޮންނަ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފަ އެވެ. އޭނާ މެދުވެރިކޮށް ސަރުކާރުގެ މޫނުމަތި ރީތިވާނެ ފަދަ ހަބަރުތަކެއް ގެނެސްދިނުމަށް ސަރުކާރުން އެއިރު ވެސް މަސައްކަތް ކުރި ކަމަށްވެ އެވެ.

ސަރުކާރުތަކަށް މަސައްކަތް ކޮށްދިނުމަކީ އަލް ޖަޒީރާގެ ކޯޑް އޮފް އެތިކްސް ހިލާފު ކަމެކެވެ. އަދި ހާއްސަކޮށް ގައުމުތަކުގެ ވެރިންނަށް މިފަދަ މަސައްކަތް ކޮށްދިނުން ކޯޑް އޮފް އެތިކްސްއާ ހިލާފެވެ. ރައީސް މުއިއްޒަށް ސާމީ މަސައްކަތް ކޮށްދިނުން އިތުރަށް ގޯސް ވަނީ، އޭނާ މީގެ ކުރިން ރައީސް މުއިއްޒުގެ އިންޓަވިއުއެއް ނަގާފައިވާތީ އެވެ.

އަލް ޖަޒީރާގެ ކޯޑް އޮފް އެތިކްސްގެ ފުރަތަމަ މާއްދާގައި ބުނެފައި ވަނީ ވިޔަފާރި ނުވަތަ ސިޔާސީ މަގްސަދަކަށް ވުރެ އަބަދުވެސް އިސްވާންޖެހޭނީ ނޫސްވެރިކަމުގެ އުސޫލުތަކާއި ހަމަހަމަކަމާއި މިނިވަންކަމާއި ކްރެޑިބިލިޓީ ކަމަށެވެ.

ސާމީއަކީ އަލް ޖަޒީރާ އިންގްލިޝްގެ ޕްރެޒެންޓަރެކެވެ. ކޮންމެ ދުވަހަކު ގެންނަ ހަބަރު ޝޯތަކުގެ އިތުރުން "އިންސައިޑް ސްޓޯރީ" އަދި "ޓޯކް ޓު އަލް ޖަޒީރާ" ހުށަހަޅަނީ އޭނާ އެވެ. "އެސެންޝަލް މިޑްލް އީސްޓް" ގެ ނަމުގައި ވެސް އޭނާ ޕްރޮގްރާމެއް ހުށަހަޅުއްވަ އެވެ.