3 މޭ 2025 - 08:26 0
3 މޭ 2025 - 08:26 0
ލަންޑަން (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން މި ސީޒަނުގައި ހޯދުމުން އަސަރުކުރި ކަމަށް އެ ޓީމާ އެންމެ ގާތުން ވާދަކުރި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ޔަގީންކުރީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. މިއާ އެކު، އާސެނަލަށް ޖެހިޖެހިގެން ތިން ސީޒަނުގައި މި ވަނީ ލީގުގެ ދެ ވަނަ މަގާމުން ފުއްދާލަން ޖެހިފަ އެވެ. އަދި، އާސެނަލުން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދިތާ 21 އަހަރުވީއިރު ވެސް ތަށްޓެއް ހޯދަން ކުރާ އިންތިޒާރު ދިގުލައިދަނީ އެވެ.
"ވަރަށް އަސަރުކުރި، އެކަމަކު ގަބޫލުކުރަން ޖެހޭ ތަށި ހޯދީ އެންމެ ރަނގަޅަށް ކުޅެ، އެއް ފެންވަރެއްގައި ދެމެހެއްޓި ޓީމުން، އެހެންވީމަ، ލިވަޕޫލަށް މަރުހަބާ ކިޔަންޖެހޭ. ވަރަށް ފަސޭހަކޮށް ދިޔަ ސީޒަނެއް ނޫން މިއީ، އަހަރެމެން ވިސްނަން ޖެހޭ ކަންކަން އެބަހުރި،" އާޓެޓާ ބުންޏެވެ.
އާސެނަލުން މި ސީޒަނުގައި ތަށްޓެއް ހޯދަން އުންމީދެއް ދެން އޮތީ ޗެމްޕިއަންސް ލީގުގަަ އެވެ. މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު، ސެމީ ފައިނަލަށް ދަތުރުކުރި، އާސެނަލް ވަނީ ސެމީގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވެފަ އެވެ.
"ސީޒަނުގައި އަދިވެސް ބާކީ ގިނަ މެޗުތަކެއް އެބަހުރި، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގައި ވެސް އަމާޒުތަކެއް އެބަހުރި، ސީޒަން ނިމުނީމަ ވަރަށް ފުރިހަމަ ނަޒަރަކުން ބަލަން އެބަޖެހޭ މި ވީ ކަންކަން،" 2019 އިން ފެށިގެން އާސެނަލްގެ ކޯޗުކަން ކުރަމުން އަންނަ އާޓެޓާ ބުންޏެވެ.
ލީގުގައި ބާކީ ހުރި މެޗުތަކުން ވެސް ނަތީޖާ ނެރުން މުހިންމު ކަމަށާއި މިރޭ ބައްދަލުކުރަން ޖެހޭ ބޯންމައުތަކީ ވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ޓީމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
Comment