Advertisement

ސިޓީ އަށް ފަހު ގާޑިއޯލާ ބްރޭކެއް ނަގަނީ

3 މޭ 2025 - 13:28 0


ސިޓީ އަށް ފަހު ގާޑިއޯލާ ބްރޭކެއް ނަގަނީ

3 މޭ 2025 - 13:28 0

މެންޗެސްޓާ (މެއި 3) - މެންޗެސްޓާ ސިޓީ ދޫކޮށްލުމަށް ފަހު ކޯޗިން ކެރިއަރުގައި އެހެން މަސައްކަތަކާ ހަވާލުވުމުގެ ކުރިން ބްރޭކެއް ނަގާނެ ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ ސިޓީގެ ކޯޗުކަމުގެ މަގާމުގައި އިތުރު ދެ އަހަރު ހޭދަކުރަން ކޮންޓްރެކްޓް ޖޫން 2027 ނިޔަލަށް އާ ކޮށްފަ އެވެ.

މިހާރު އޮތްގޮތުން، ގާޑިއޯލާ، އެންމެ ފަހުން މި ސޮއިކުރި ކޮންޓްރެކްޓް ހަމަވާއިރު އޭނާ ސިޓީގެ ކޯޗުކަމުގެ މަގާމުގައި ޖުމްލަ 11 އަހަރު ހޭދަކުރާނެ އެވެ. މީގެ ކުރިން، ގާޑިއޯލާ ވަނީ ހަތަރު އަހަރު ބާސެލޯނާގައި އަދި ތިން އަހަރު ބަޔާން މިއުނިކްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

"ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އަހަރެން ކުޑަކޮށް މަޑުކޮށްލާނަން. އަހަރެން އަކަށް ނޭނގޭ އަހަރެން ރިޓަޔާ ކުރާނެ ކަމެއް. އެކަމަކު، އަހަރެން ބްރޭކެއް ނަގާނަން. އެއީ ޔަގީންކަމެއް" ގާޑިއޯލާ ބުންޏެވެ.

މީގެ ކުރިން ގާޑިއޯލާ ވަނީ މި ސީޒަނަށް ފަހު އޭނާ ސިޓީ ދޫކޮށްނުލާނެ ކަމަށް ބުނެފަ އެވެ.

ގާޑިއޯލާ މީގެ ކުރިންވެސް ވަނީ ސިޓީ ދޫކޮށްލާފަ ދެން ބްރޭކެއް ނަގަން ބޭނުންވާކަން ހާމަކޮށްފަ އެވެ.

ސިޓީގެ ކޯޗުކަންކުރި އެންމެ ކާމިޔާބު ކޯޗަކީ ގާޑިއޯލާ އެވެ. އެ ގޮތުން، ގާޑިއޯލާ ވަނީ ސިޓީއާއެކު ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު، އަދި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދައިފަ އެެވެ.

އެކަމަކު، މި ސީޒަނުގައި ސިޓީއިން ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން ގާޑިއޯލާ މި ސީޒަނަށްފަހު ސިޓީގެ ކޯޗުކަމުން ދުރުވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، އެ ވާހަކަތަކަށް ނިމުމެއް ގެނެސް ގާޑިއޯލާ ވަނީ މި ސީޒަން ނިމުމުން ސިޓީ ދޫކޮށްނުލައި، އެއްބަސްވުން އާ ކޮށްފަ އެވެ.