Advertisement

އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރު، 'އައިއެންއެސް ކޮޗީ' މާލެ ސަރަހައްދުގައި

29 އޭޕްރީލް 2025 - 12:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައިއެންއެސް ކޮޗީ މިއަދު މެންދުރު މާލެ ބޭރުގައިި : އެ މަނަވަރު ރާއްޖެ އައީ ސީޖީއެސް ހުރަވީ އާ އެކު --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރު، 'އައިއެންއެސް ކޮޗީ' މާލެ ސަރަހައްދުގައި

29 އޭޕްރީލް 2025 - 12:52 0

އިންޑިއާގެ ހަނގުރާމަމަތީ މަނަވަރު 'އައިއެންއެސް ކޮޗީ' މާލެ ސަރަހައްދަށް އައިސްފި އެވެ.

މާލޭގައި މިހާރު ބަނދަރުކޮށްފައިވާ މަނަވަރު ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހު އިންޑިއާއަށް ގެންދިޔަ އެ ގައުމުން ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރި ސީޖީއެސް ހުރަވީ، މަރާމާތަށްފަހު ރާއްޖެ ގެނައުމަށެވެ. ހުރަވީ ދަތުރުކުރީ އެ މަނަވަރާ އެކު އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މަނަވަރުގެ މި ދަތުރުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ އަދި ސަލާމަތީ ގުޅުމުގެ ވަރުގަދަކަން ކަމަށެވެ. މަރާމާތަށް ފަހު ހުރަވީ، ރަސްމީކޮށް އެމްއެންޑީއެފް އާ ހަވާލުކުރުމަށް އިއްޔެ ހުޅުމާލެ ބަނދަރުގައި ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

މި ދަތުރުގެ ތެރެއިން އައިއެންއެސް ކޮޗީގެ ކޮމާންޑިން އޮފިސަރު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އަދި، ކޯސްޓުގާޑާއި ސިފައިންގެ ވެރިންނާއެކު ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ.

އިންޑިއާގެ މަނަވަރު މިހާރު އޮތީ މާލޭ ވިޔަފާރި ބަނދަރުގަ އެވެ. އައިއެންއެސް ކޮޗީ އަކީ ކޮލްކަތާ ކްލާހުގެ ޑިސްޓްރޯޔާ އެކެވެ.

30 ނޮޓުގެ ބާރު މިނުގައި ދުއްވޭ މި މަނަވަރުގެ ދިގު މިނަކީ 164 މީޓަރެވެ. މި މަނަވަރުގައި 390 ސިފައިން އުފުލެ އެވެ. މި މަނަވަރު ބޭނުންކުރަން ފެށިތާ މިހާތަނަށް ވީ 16 އަހަރެވެ.

ކަނޑު ފޭރުމާ ދެކޮޅަށް އިންޑިއާ އަދި އެ ގައުމުގެ އެކުވެރި ގައުމުތަކުން އަރަބި ކަނޑުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މި މަނަވަރު ބައިވެރިވެ އެވެ. މި މަނަވަރުން އަރަބި ކަނޑުގައި ޕައިރެޓުން ހިސޯރު ކުރި ދެތިން ބޯޓެއް ސަލާމަތް ކޮށްފައިވެ އެވެ.

ކޯސްޓުގާޑުން މިހާރު ބޭނުންކުރާ ސީޖީއެސް ހުރަވީ އަކީ އެ ނަމުގައި ކުރިން ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ.

އެ އުޅަނދުތައް ރާއްޖެއިން ރީފިޓު ނުކުރެވެނީ ރާއްޖޭގައި އެފަދަ ހިދުމަތެއް ދެވޭނެ އަސްކަރީ ޑޮކެއް ނެތުމުންނެވެ. އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ގާއިމު ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ކުރި އެވެ. ނަމަވެސް މި ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިބި މީހުން އޭރު ތުހުމަތު ކުރީ އެއީ އިންޑިއާ ސިފައިން ބައިތިއްބަން ހަދާ އަސްކަރީ މަރުކަޒެއް ކަމަށެވެ.