28 އޭޕްރީލް 2025 - 11:24 0
ކުރީގެ ޕޮލިސް ކޮމިޝަނަރު ސުޖާއު: އޭނާ ރިޓަޔާ ކުރެއްވީ ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
28 އޭޕްރީލް 2025 - 11:24 0
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވި އަލީ ސުޖާއު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
ސުޖާއު ރިޓަޔާ ކުރެއްވީ އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހެވެ. ކުރީގެ ކޮމިޝަނަރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާކަން ފުލުހުންގެ އިންޓާނަލް މެމޯއަކުން ވަނީ ހުރިހާ ފުލުހުންނަށް އަންގައިފަ އެވެ.
ސުޖާއު ރިޓަރާ ކުރެއްވި އިރު، އުސް އިމާރާތެއްގެ މަތިން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވި ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގު ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން އޭނާ މަގާމުން ދުރުވުމަށް ޒުވާނުން ދިޔައީ ގޮވައިލަމުންނެވެ.
ސުޖާއުގެ އިސްތިއުފާއަށްފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރީ ފަރުހާދު ފިކުރީ އެވެ. ފަރުހާދަކީ، އޭނާގެ ދަރިފުޅަށް ތުހުމަތު ކުރެވޭ ރޭޕުގެ މައްސަލައެއްގެ ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އައްޔަން ކުރިތާ އެއް ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފަރުހާދަށް ފަހު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ އިސްމާއިލް ނަވީން އެވެ. ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ނަވީން އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މަގާމަށް ނަވީން އައްޔަން ކުރީ ވެސް އެ ސަބަބާހުރެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެ އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު، 21، ވެއްޓުނު ހާދިސާގައި ފުލުހުން ހިއްސާ ކުރި ބައެއް މައުލޫމާތު ދިމާނުވުމާއި އެ މައްސަލައިގައި މީހަކު ހައްޔަރުނުކޮށް ގިނަ ދުވަސްވުމަކީ، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މިހާރު ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. އެއިރު ހާދިސާ ހިނގިތާ ހައެއްކަ ދުވަސް އޮތީ ފާއިތުވެފަ އެވެ. އެއިން ތަނަކުން ތަހުގީގަށް ބޭނުންވާ އެއްޗެއް ނުފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
Comment