Advertisement

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ އަމީން ހުރީ ރާއްޖޭން ބޭރުގައި

27 އޭޕްރީލް 2025 - 16:06 4


ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ އަމީން ހުރީ ރާއްޖޭން ބޭރުގައި

27 އޭޕްރީލް 2025 - 16:06 4

ޒުވާން އަންހެނަކު އިމާރާތަކުން ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި މުޒާހަރާ ކުރަން ފަށައި، އެ މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރަމުން އަންނައިރު، ހާދިސާ ހިނގި ރޭ އަމީން ހުންނެވީ ރާއްޖެއިން ބޭރުގައިކަން އެނގިއްޖެ އެވެ.

އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ އިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލާގައި ފުރުން މަނާކޮށް، ތަހުގީގަށް ފޯނު އަތުލާފައިވާ މީހުންގެ ތެރޭގައި މިނިސްޓަރު އަމީންގެ އާއިލީ ބަޔަކު ހިމެނެ އެވެ. އެ ރޭ، އެ މީހުން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގަ އެވެ.

ތަފާތު އެކި މަސްދަރުތަކުން އެއްކުރި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި އެ ރޭ އަމީން ގެންދެވީ ގަތަރުގެ ވެރިރަށް ދޯހާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރައްވަމުންނެވެ. އޭނާ ދަތުރު ކުރައްވަމުން ގެންދެވީ ގަތަރު އެއާވޭސްގެ ފްލައިޓު "QR676" އިންނެވެ. އެ ފްލައިޓު ހުޅުލޭ އެއާޕޯޓަށް ޖެއްސީ ހުކުރު ދުވަހުގެ ހެނދުނު 08:30 ހާއިރު އެވެ.

އަމީން ދޯހާއަށް ވަޑައިގެންނެވީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ފެސިލިޓޭޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ. އެ ކޮންފަރެންސްގައި އޭނާ ތަގުރީރު ވެސް ކުރެއްވި އެވެ. އެ ހާދިސާ ހިނގި ދުވަހުގެ ރޭ މާލޭގައި ނެތްކަން އަމީން ވެސް އަދަދު އަށް ޔަގީން ކޮށްދެއްވި އެވެ.

އޭޕްރީން 24 ވަނަ ދުވަހު، މާންދޫގޭގެ ދެކުނު ބައިގެ ބައެއް އެޕާޓްމެންޓުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލަމުން ދިޔަ ވަގުތު، އަމީން، އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް އަދި ހޯމް މިނިސްޓަރު އިހުސާން އަށް ގުޅުއްވިކަން ވަނީ އެނގިފަ އެވެ،

އަމީން ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާނަށާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވީ ކޯޓު އަމުރެއް ނެތި ވެސް އެ ގޭގެ އެޕާޓްމަންޓުތައް ބަލައި ފާސްކުރެވޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލަ އާއި އަދި އެކަމާ ގުޅޭ އެހެން ތަހުގީގުތަކަށް އަމީން ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ޒުވާނުންގެ މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑުކޮށްފަ އެވެ.

ނަމަވެސް އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ނުވިސްނާ ކަމަށް އިއްޔެ އޭނާ ވިދާޅުވި އެވެ. އެއީ ހިނގައިގެން އުޅޭ އެއްވެސް ހާދިސާ އަކާއި އޭނާއާ ސީދާކޮށް އަދި ނުސީދާކޮށް ވެސް އެއްވެސް ގުޅުމެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.