26 އޭޕްރީލް 2025 - 21:33 1
ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި މުޒާހަރާ ކުރަނީ: ފަރުވާއަށް ބޭނުންވާ ފައިސާ ކުއްލި ގޮތަކަށް ހޯދަންޖެހުނީ ސަރުކާރުން ދޮގު ހެދުމުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު
26 އޭޕްރީލް 2025 - 21:33 1
އުސް އިމާރާތެއްގެ މަތިން ވެއްޓި ވަރަށް ބޮޑަށް އަނިޔާވި ހައްވާ ޔުމްނު ރަޝީދު އަށް ދޭންޖެހޭ ފަރުވާގެ ފުރަތަމަ ބުރަށް ދައްކަންޖެހޭ އަދަދު އާންމުންގެ އެހީތެރިކަމާއެކު މިރޭ ހަމަކޮށްފި އެވެ.
އިތުރު ފަރުވާއަށް ޔުމްނު، 21، މެލޭޝިޔާއަށް މިރޭ ފުރާނެ އެވެ. އޭނާގެ ފަރުވާއަށް 57،000 އަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 878،940ރ. އެވެ.
އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށީ މިރޭ 7:00 ޖަހާކަންހާއިރެވެ. އޭގެ ދޮޅު ގަޑިއިރު ފަހުން އެ ފައިސާ ވަނީ ހަމަޖެހިފަ އެވެ. ވަރަށް ގިނަ އާންމުން ވަނީ ޔުމްނުގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރި އެވެ.
ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ކުއްލި ގޮތަކަށް ހޯދަންޖެހުނީ، ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނުމަށްފަހު، ފައިސާ ހަމަޖެހެން ނެތް ކަމަށް މިއަދު އެންގުމުންނެވެ.
ފަރުވާގެ ހުރިހާ ހަރަދެއްގައި ހިފެން ނެތް ކަމަށް ސަރުކާރުން ބުނިއިރު، ޔުމްނުގެ ފަރުވާއަށް އެހީތެރިވާން އެތައް ބަޔަކު އާއިލާއަށް ގުޅަމުންދިޔަ އެވެ. އެކަމަކު، ސަރުކާރުން އެހެން ބުނެފައި އޮތުމުން އާއިލާއިން ބުނަމުންދިޔައީ މިވަގުތު އެހީތެރިކަން ބޭނުންނުވާ ކަމަށެވެ.
"ސަރުކާރުން މި ހުރިހާ ކަމެއް ކޮށްދޭނަމޭ ބުނެފައި އިނީމަ ހުރިހާ ބޭފުޅުން ކައިރީ ވެސް އަޅުގަނޑުމެން ބުނަމުން މި ދިޔައީ ސަރުކާރުން އޮތީ ހުރިހާ ހަރަދެއްގައި ހިފަން އެއްބަސްވެފައޭ،" އާއިލާގެ ފަރާތުން މި ނޫހާ ވާހަކަ ދައްވަމުން ބުންޏެވެ.
ޔުމްނުއަށް ބޭނުންވާ ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ބުނުމަށްފަހު ސަރުކާރުން އާއިލާއަށް ދިނީ އެންމެ 385،500ރ. އެވެ. އެއިރު ޔުމްނު ފުރުވާލާ ވަގުތު އޮތީ ކުޑަތަންވެފަ އެވެ.
ސަރުކާރުން ބުނި އެއްޗެއް ގަބޫލު ކުރެވުނީތީ ހިތާމަ ކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.
"އަޅުގަނޑުގެ މައްސަލައެއް އެނގޭތޯ މިއީ. އަޅުގަނޑުގެ ވަރަށް ބޮޑު މައްސަލައެއް އަޅުގަނޑު އަނެއްކާ ވެސް އެއްކަލަ ސިސްޓަމުން ބުނާ ވާހަކަ މި ގަބޫލު ކުރަނީ،" އާއިލާގެ ފަރާތުން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.
7703230747101 MVR 7730000198158 USD NATHASHA AHMED
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment