ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އިސްތިއުފާ ހުށަހެޅުމުން ރައީސް މުހައްމަދު މުއިއްޒު އޭނާގެ އިސްތިއުފާ ބަލައިގަނެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
"ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ގަބޫލުފުޅު ކުރައްވައިފި،" ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވަން ނިންމެވިއިރު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފަ އެވެ. ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ޒުވާނުން ވަނީ ގޮވައިލައިފަ އެވެ.
ނަމަވެސް އިހުސާން އާއި އަމީން ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތް ކަމަށާއި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ސުޖާއު އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް އަންނާނެ ކަމަށް ބޮޑަށް ބެލެވެނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
ފަރުހާދު ފިކުރީއަކީ އޭނާގެ ދަރިފުޅުގެ ރޭޕް ކޭހެއްގެ ހެކި ނައްތާލިކަމުގެ ތުހުމަތު މީގެ ކުރިން ކުރެވުނު މީހެކެވެ.
ޒުވާނުންގެ ފަރާތުން ސަރުކާރަށް ޑިމާންޑުތަކެއް ކުރީ މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އެދިވަޑައިގަތުމުންނެވެ. ޒުވާނުން ބުނެފައި ވަނީ މަޝްވަރާގެ މޭޒަށް ދިޔުމާމެދު ވިސްނާނީ ވެސް އެ ޑިމާންޑުތަކަށް އިޖާބަދިނުމާއެކު ރައީސް މުއިއްޒު އެ ހާދިސާއާ ގުޅިގެން ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީގައި އާންމުކޮށް މައާފަށް އެދިވަޑައިގަތުމުންނެވެ.
އެ ޑިމާންޑުތަކަކީ؛
ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
މިކަމުގެ ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
Comment