26 އޭޕްރީލް 2025 - 19:04 14
ޔުމްނު: މިވަގުުތު ވެސް ފަރުވާ ދެނީ އައިސީޔޫގައި ބާއްވައިގެން -- ފޮޓޯ: ފައިލް
26 އޭޕްރީލް 2025 - 19:04 14
އުސް އިމާރާތެއްގެ މަތިން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ހައްވާ ޔުމްނު ރަޝީދު، 21، ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރަންޖެހޭ ހުރިހާ ފަރުވާއަކަށްދާ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނުމަށްފަހު ފަހު ވަގުތު، އެހީގެ ބޮޑު ބައި ކަނޑާލައިފި އެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ބެލެވެ އެވެ. އޭނާގެ މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ވަނީ ބިނދިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް އަނިޔާތައް ވެފައި އެބަ ހުއްޓެވެ. އޭނާއަށް ފަރުވާދެނީ އައިސީޔޫގައި ބާއްވައިގެންނެވެ.
ދަތުރު ކުރުމުގެ ހުއްދަ ޑޮކްޓަރުންގެ ފަރާތުން ލިބުމާއެކު އާއިލާއިން ބޭނުންވީ ޔުމްނު މެލޭޝިޔާއަށް ފުރުވާއިލާށެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން އާއިލާ ކައިރީ ބުންޏެވެ. ފުރަން ހަމަޖެހިފައި އޮތީ މިރޭގެ ވަގުތެއްގަ އެވެ.
ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް ނިޒާމު ހަމަޖެހިފައިނުވާ ކަމަށެވެ. ސަރުކާރުން އެހެން ބުނިއިރު، އެހީ ދޭން ބުނި ބައެއް މީހުން ކައިރީގައި، ސަރުކާރުން ހަރަދުގައި ހިފާތީ އެހީ ބޭނުންނުވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފަ އެވެ.
"ސަރުކާރުން މި ހުރިހާ ކަމެއް ކޮށްދޭނަމޭ ބުނެފައި އިނީމަ ހުރިހާ ބޭފުޅުން ކައިރީ ވެސް އަޅުގަނޑުމެން ބުނަމުން މި ދިޔައީ ސަރުކާރުން އޮތީ ހުރިހާ ހަރަދެއްގައި ހިފަން އެއްބަސްވެފައޭ،" އާއިލާގެ ފަރާތުން މި ނޫހާ ވާހަކަ ދައްވަމުން ބުންޏެވެ.
މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުން ދީފައިވާ ލިޔުމުން އެނގޭ ގޮތުގައި ޔުމްނު ފުރަތަމަ ހަދަންޖެހޭ ސާޖަރީތަކަށް އެކަނި ވެސް 57،000 އަށް ވުރެ ގިނަ ޑޮލަރު އަރަ އެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 878،940ރ. އެވެ. ހޮސްޕިޓަލުން ބުނީ އެތަނުގައި ޔުމްނު އެޑްމިޓު ކުރެވޭނީ 45،724 ޑޮލަރު ދެއްކުމުން ކަމަށެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 705،064ރ. އެވެ.
އެކަމަކު، ސަރުކާރުން ފައިސާ ޖަމާ ކުރިއިރު އާއިލާއަށް ލިބުނީ 385،500ރ. އެވެ.
"ފުލްކޮށް ދާ ވަރު އަދި އަންދާޒާ ކުރަން ނޭނގޭތީވެ ޓިކެޓަށް ދާ ވަރާއި އެކޮޅަށް ގޮސް ސްޓާޓްކޮށްލަން ބޭނުންވާ މިންވަރު ދޭނަމޭ. ދެން ޓްރާންސްފާއެއް ހަދާފަ އިން ތިން ލައްކަ ކޮންމެވެސް ވަރަކަށް ރުފިޔާ. އެއީ ބޭންކު ރޭޓުން ބެލިއިރު 25،000 ޑޮލަރު،" އާއިލާގެ ފަރާތުން ބުންޏެވެ.
އާއިލާގެ ފަރާތުން ބުނީ ޔުމްނުގެ އެހީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ބުނީ ސަރުކާރުގެ ބަހަށް އިތުބާރު ކުރެވުން އެއީ އާއިލާއަށް ހެދުނު ގޯހެއް ކަމަށެވެ.
"އަޅުގަނޑުގެ މައްސަލައެއް އެނގޭތޯ މިއީ. އަޅުގަނޑުގެ ވަރަށް ބޮޑު މައްސަލައެއް އަޅުގަނޑު އަނެއްކާ ވެސް އެއްކަލަ ސިސްޓަމުން ބުނާ ވާހަކަ މި ގަބޫލު ކުރަނީ،" އާއިލާގެ ފަރާތުން ބުންޏެވެ.
7703230747101 MVR 7730000198158 USD NATHASHA AHMED
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment