26 އޭޕްރީލް 2025 - 16:44 2
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓްރާންސްޕޯޓު މިނިސްޓަރު އަމީން އާ އެކު : އަމީން ވިދާޅުވީ މަގާމުން އިސްތިއުފާ ދިނުމާމެދު ނުވެސް ވިސްނަވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
26 އޭޕްރީލް 2025 - 16:44 2
ޒުވާން އަންހެނަކު އިމާރާތަކުން ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި މުޒާހަރާ ކުރަން ފަށައި، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހިމެނޭހެން ބައެއް ވެރިންގެ އިސްތިއުފާއަށް ގޮވާލި ނަމަވެސް، އިސްތިއުފާ ދިނުމާމެދު ވިސްނުމެއް ނެތް ކަމަށް އަމީން ވިދާޅުވެއްޖެ އެވެ.
އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ އިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލާގައި ފުރުން މަނާކޮށް، ތަހުގީގަށް ފޯނު އަތުލާފައިވާ މީހުންގެ ތެރޭގައި މިނިސްޓަރު އަމީންގެ އާއިލީ ބަޔަކު ހިމެނެ އެވެ. އެ ރޭ، އެ މީހުން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގަ އެވެ.
މާންދޫގޭގެ ދެކުނު ބައިގެ ބައެއް އެޕާޓްމެންޓުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލަމުން ދިޔަ ވަގުތު، އަމީން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއުއަށް އަދި ހޯމް މިނިސްޓަރު އިހުސާން އަށް ގުޅުވިކަން ވަނީ ފަޅައިއަރައިފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލައާ އެކަމާ ގުޅޭ އެހެން ތަހުގީގުތަކަށް އަމީން ނުފޫޒު ފޯރުވަން އުޅޭ ކަމަށް، ތުހުމަތުކޮށް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވައިލާފަ އެވެ.
އެކަމާ ގުޅިގެން އަދަދު އިން ގުޅުމުން އަމީން ވިދާޅުވ ޔުމްނު ވެއްޓުނު މައްސަލަ އާއި އަދި އެކަމާ ގުޅުން ހުރި ކަމަށް ބެލެވޭ އެހެން ކަމަކާ ވެސް އޭނާއާ ގުޅުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އެއްވެސް ކަމެއް ނެތް ކަމެއްގަ، އެހެން ބަޔަކު އިސްތިއުފާ ދޭށޭ ބުންޏަސް، ވިސްނާލަން ޖެހޭ ކަންތައްތައް ދެއްތޯ ތި ހުންނަނީ. ނުވެސް ވިސްނަން ތިކަމަކާ ދޭތެރޭގައެއް. ދެއާ އިސް ނޮން އޮފް މައި އިންވޯލްމަންޓު" އަމީން ވިދާޅުވި އެވެ.
މުޒަހަރާގެ ބައިވެރިން ސަރުކާރަށް ހުށަހެޅި ޑިމާންޑުތަކުގެ ތެރޭގައި އަމީންގެ އިތުރުން ހޯމް ލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ.
ނަމަވެސް އިސްތިއުފާ ދޭންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޕޮލިސް ކޮމިޝަނަރު ޝުޖާއު ވެސް އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment