25 އޭޕްރީލް 2025 - 22:55 1
25 އޭޕްރީލް 2025 - 22:55 1
މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުން ދިޔައިރު ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅާފައި ވަނީ އޭނާ ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެއަށް ވަދެ ފުލުހުން ބަލައި ފާސްކުރަމުންދިޔަ ވަގުތުކަން އަދަދު އަށް ކަށަވަރު ކުރެވިއްޖެ އެވެ.
އަދަދު އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އެ ދުވަހު ގާތްގަނޑަކަށް 11:20 ހާއިރު އަމީން ދިރިއުޅުއްވާ މާންދޫގޭދެކުނުގެއަށް ފުލުހުން ވަދެ އެ ގޭގައި 30 މިނެޓު ވަރު ހޭދަކުރި އެވެ. އެ ގޭގެ އެޕާޓްމަންޓުތައް ބަލައިފާސްކުރަން އައި ފުލުހުން ނުކުމެގެންދިޔައިރު މެންދުރު 12:00 ޖަހަން ކައިރިވެފައި ހުރިކަން ވަނީ އެނގިފަ އެވެ.
އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުން ގިނަ ޑިލޭތަކަކަށް ފަހު ފެށުނީ 11:16 ހާއިރު އެވެ. އެ ގެ ބަލައިފާސްކުރީ ޕްރެސް ކޮންފަރެންސް ފެށުނު ވަގުތު ކަމަށްވާއިރު އެއީ ވެސް ނޫސްވެރިންނަށް އެ މަންޒަރު ދެއްކުން ދަތިކުރުމުގެ ގޮތުން ކަން ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ ގެއިން އެއްވެސް އެއްޗެއް ގެންދިޔަކަން މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. އެކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ.
ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ސިއްރުކޮށްގެން މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީންގެ ގޭގެ ވާހަކަ ފުލުހުން ނުބުނެ އެވެ. އޭގެ ބަދަލުގައި ފުލުހުން ބުނީ ޕާޓީކުރީ "މާލޭގެ މެދުތެރޭގައި ހުރި" ގެއެއް ކަމަށެވެ.
އެއަށް ފަހު ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ އެކު އަމީން ވެސް ސޯޝަލް މީޑިއާ ޕޯސްޓެއް ކުރެއްވި އެވެ. ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ވަރަކަށް ކަމާގުޅޭ އިދާރާއެއްގެ ވެރިޔަކަށް ނުގުޅާ ކަމަށް އެ ޕޯސްޓުގައި ވިދާޅުވި އެވެ. އަދި ބުރާސްފަތި ދުވަހު ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ގޭގެ ނަން ވެސް ފުރަތަމަ ފަހަރަށް ފުލުހުން ހާމަކުރި އެވެ.
"މި ދެންނެވި މައްސަލައާ ގުޅޭ ތަހުގީގަށް އަޕްޑޭޓް ހޯދުމަށް، ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރާއި، އަދި އެނޫން ވެސް ފަރާތަކަށް އަޅުގަނޑު އެންމެ ފޯން ކޯލެއް ވެސް ނުކުރަން،" އަމީން ލިޔުއްވި އެވެ.
މި މައްސަލައާ އަމީން ގުޅެނީ، ބުރާސްފަތި ދުވަހުގެ ރޭ މި މައްސަލާގައި ޝާމިލުވާ މީހުން އަމީންގެ، ގ. މާންދޫގޭދެކުނުގެ އަށް ގޮސްފައިވާތީ އެވެ. މަސްތުވާތަކެއްޗާ އެކު އެ މީހުން އަމީން ދިރިއުޅުއްވާ ގޭގައި ޕާޓީ ކުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.
މި މައްސަލާގައި ޝާމިލްވާ މީހުންގެ ތެރޭގައި އަމީންގެ އާއިލާގެ މެންބަރަކު ވެސް ހިމެނެ އެވެ. އެކަން، އަދި އެ ޕާޓީ، ނުވަތަ އެއްވުން އޭނާ ދިރިއުޅޭ އިމާރާތުގައި ހިނގިކަން އަމީން ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީގެ ކުރިން ހާމަކުރައްވާފަ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައި ވެއެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment