23 އޭޕްރީލް 2025 - 21:52 2
އަމަން ހަލީމް
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލާ ބޭއްވި އެއްވުމުގައި ޒުވާނުންތަކެއް: އެއްވުމުގެ ބައިވެރިން ތުހުމަތުކުރަނީ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
23 އޭޕްރީލް 2025 - 21:52 2
އުސް އިމާރާތެއްގެ ފެންލައިޓުން ވެއްޓުނީ ކަމަށް ފުލުހުން ބުނާ ޒުވާނާ، ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދޭން ގޮވާލާ މިހާރު ކުރިއަށްދާ އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، ޒިންމާވާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފި އެވެ.
މި މައްސަލައިގައި އާންމުން ނިކުމު އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ، ޔުމްނު ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި އެއްވުން ކުރިއަށް ދަނީ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގަ އެވެ.
އިހުތިޖާޖު ކުރަމުންދާ ސަރަހައްދުގައި ހަރަކާތްތެރިވާމުންދާ އަދަދު ގެ ނޫސްވެރިން ބުނި ގޮތުގައި އެ ތަނަށް އެއްވެ ތިބި ގިނަ މީހުންނަކީ ޒުވާން އުމުރުފުރައިގެ މީހުންނެވެ. އެ އެންމެންގެ ވެސް ޝުއޫރުތައް ހުރީ ތަހުގީގުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާތީ، ޔުމްނުއަށް އިންސާފު ލިބެން ހުރަސް އެޅިފައިވާ މައްސަލައިގައި ކަމަށް އެ ނޫސްވެރިން ބުންޏެވެ.
އެއްވެ ތިބި މީހުންގެ ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި މަޑުން ނުތިބޭނެ ކަމަށާއި ޔުމްނުއަށް އިންސާފު ހޯދައިދޭން ބުނެ ޝުއޫރުތައް ލިޔެފައިވެ އެވެ. އަދި މި މައްސަލައިގައި ހައްޔަރުނުކޮށް ދޫކޮށްލި ޒުވާނާ ހައްޔަރުކުރާށާއި މި ކަމުގައި ބައިވެރިވާ ކަމަށް އަޑު އަރާފައިވާ އެހެން މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ވެސް ބައެއް މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވެ އެވެ.
"އަހަރުމެންގެ އަޑު ނީވެންޏާ އަހަރުމެންނަކަށްވެސް އަޑެއް ނީވޭނޭ،" އެއްވުމުގައި ބައިވެރިވި ޒުވާނަކު މެގަފޯނުން ގޮވާ އަޑު އިވެ އެވެ.
ހައްޔަރުކުރަން ގޮވާލަމުންދާ ޒުވާނާއަކީ ޔުމްނުއާއެކީ އެންމެ ފަހު ވަގުތާ ޖެހެންދެން ހުރި ރައުދު އަހުމަދު ޒިލާލް އެވެ. އޭނާގެ އިތުރުން މި ކަމެއް ހިނގައިދިޔަ ރޭ ދެ އަންހެނަކާއި ފަސް ފިރިހެނުން އުޅުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ރައުދު ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި އާންމުންގެ ނުރުހުމުގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ވެސް ބަންޑުންކުރަމުން އަންނައިރު، މި ހާދިސާއާ ގުޅިގެން މި ނޫހުން ހިންގި ތަހުގީގުގެ ހޯދުންތަކުން އެނގުނު ގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުން އާއިލާއާ ވެސް ރަނގަޅު މައުލޫމާތު ހިއްސާނުކުރެ އެވެ. އަދި އާއިލާއާ ހިއްސާކުރި މައުލޫމާތާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ފުށުއެރުންތަކެއް ހުރި ކަން ވެސް ފާހަގަކުރެވުނެވެ.
މި މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވީ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން، ސޯޝަލް މީޑިއާގައި ކެނޑިނޭޅި އާންމުންގެ ފާޑުކިޔުންތައް އަމާޒުވީ ފަހުންނެވެ. އަދި މި ހާދިސާގައި ކަން ހިނގި ގޮތާއި ޝާމިލުވާ މީހުންނާ ގުޅޭ އެތައް ވާހަކައެއް ދެކެވި، ޔުމްނު ރޭޕްކޮށްފައި އެއްލާލީ ކަަމަށް ވެސް ތުހުމަތުކުރެވުނު ފަހުންނެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ކަމެއް ނުހިނގާ ކަމަށް ތަހުގީގަށް ޔަގީންކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ އާއިލާއިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ އެންމެ ރަނގަޅަށް ފުލުހުން ތަހުގީގުކުރިއަށް ގެންދާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ހޮސްޕިޓަލުން ވެސް އިހުމާލުތަކެއް ވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
ފުރާޅު މަތިން ނެގުމަށް ފަހު ޔުމްނު ހޮސްޕިޓަލަށް ގެންގޮސް ފުރަތަމަ ބޭއްވީ ވެންޓިލޭޓަރުގަ އެވެ. އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާއިރު، ހާލު އަދިވެސް އެހާ ރަނގަޅު ނޫން ކަަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މި މައްސަލައިގައި އަދި އޭނާގެ ބަހެއް ނޫނީ ފުލުހުންނަށް ބަޔާނެއް ދިން ކަމެއް ސާފެއް ނުވެ އެވެ.
މި ހާދިސާ ހިނގި ރޭ މި ކަމުގައި އުޅުނު މީހުން ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެއިރު ގަޑިން ހިނގާނީ 12:30 ކަމަށް ފުލުހުން ބުނެ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި އެއީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ އެވެ.
މާންދޫގޭދެކުނުގެއިން އެ ގްރޫޕު ނުކުތީ ފަތިހު 3:40 ހާއިރެވެ. އެ ހިސާބުން އެ ގްރޫޕުގައި ހިމެނޭ ހަތަރު މީހަކު ހެންވޭރުގައި ހުރި ގެއަކަށް ވަނެވެ. އޭގެ ތެރޭގައި ޔުމްނު ވެސް ހިމެނެ އެވެ. ނަމަވެސް 10 މިނެޓުކޮށްފައި އެ އެންމެން ވެސް އެ ގެއިން ނުކުތެވެ. ޔުމްނު އާއި ރައުދުއާ ދެ މީހުން، އޭނާ ވެއްޓުނު ކަމަށް ބުނާ ހ. ފެންޓެނޯއީއަށް ވަނީ ގޮސް ވަކިންނެވެ.
Comment