23 އޭޕްރީލް 2025 - 15:25 0
އަމަން ހަލީމް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޕޮލްކޯ ފްލެޓުތައް: މި މަޝްރޫއުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލުންވި --- ފޮޓޯ: ގޫގުލް ފޮޓޯސް
23 އޭޕްރީލް 2025 - 15:25 0
ޕޮލްކޯއިން "ބްލޫސް ހައުސިން ޕްރޮޖެކްޓު" ގެ ނަމުގައި ހިންގި ޕްރޮޖެކްޓަށް ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިމާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން އެ މައްސަލަ ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖީލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ނިންމައިފި އެވެ.
ފުލުހުންގެ ހައުސިން މަޝްރޫއުގެ ތެރެއިން ހިޔާނާތް ހިންގި ކަމަށް ތުހުމަތުކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އާއި އައިލެންޑް އެކްސްޕާޓާއެކީ ހެދި އެއްބަސްވުންތަކުގަ އެވެ.
ކޮމިޓީން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމަން އެންމެ ފަހުން ހަވާލުކުރި އަމީން ކޮންސްޓްރަކްޝަނަށް ވޭރިއޭޝަންގެ ގޮތުގައި ދޫކުރި ފައިސާއާ ގުޅިގެން ހިނގާފައި ހުރި ކަންކަން ހިމެނެ އެވެ.
މި ގޮތުން ވޭރިއޭޝަނަށް 66 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކުރަން ޖެހުނީ ސައިޓުގައި ހުންނާނެ ކަމަށް ބުނި ބައެއް ސާމާނު ސައިޓުގައި ނެތުމުންނެވެ. މި ސާމާނު ބޭނުންކުރީ، އެ ސަބް ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފާހަގަކުރި ގޮތުގައި، އައިލެންޑް އެކްސްޕާޓުގެ އެހެން މަޝްރޫއަކަށެވެ.
"އަޅުގަނޑުމެންނަށް މިހާރު އެނގިފަ އެބައޮތް މި މެޓީރިއަލްސްތައް އެހެން ސައިޓެއްގައި ހުރިކަން ވެސް އަދި އެ ދުވަސްވަރު ހަމަ އައިލެންޑް އެކްސްޕާޓުގެ ފަރާތުން ސިފްކޯގެ ފްލެޓުތަކުގެ މަސައްކަތް ވެސް ކުރި. އަދި އެހެން ޗައިނާ ކޮންޓްރެކްޓަރަކާ ފަހުން އެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައި. އެހެންމަ ސިފްކޯގެ ސައިޓަށް ވެސް މި ތަނުން މުދާ ގެންގޮސްފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީން މައިގަނޑު ގޮތެއްގައި ފާހަގަކުރީ މި މަޝްރޫއުގެ ތެރެއިން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ ޕޮލްކޯއިން ވެފައިވާ އިހުމާލުތަކުގެ ސަބަބުންނެވެ. އެ ގޮތުން ދެވަނަ އެއްބަސްވުން ބާތިލުކުރިއިރު ތިން ފަރާތެއް ބައިވެރިވާ ގޮތަށް އެއްބަސްވުމެއް ހަދާ، ނުނިންމާ މަސައްކަތްތަކަށް ދޫކޮށްފައި ހުރި ފައިސާތައް އަނބުރާ ހޯދަން އެއްބަސްވެވުނެވެ.
އެއްބަސްވުމެއް ހެދި ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ 129 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މީގެ ތެރޭގައި ހިމެނޭ ތިން ވަނަ ފަރާތަކަށް ހިމެނޭ އެންސިސްއިން ދައްކަން ޖެހޭ 2.7 މިލިއަން ޑޮލަރު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިލެންޑް އެކްސްޕާޓުން މި ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލަށް ވަޑައިގަންނަވަމުން ނާޒިމް ވިދާޅުވީ، މި ފައިސާ ބޭނުންކޮށްގެން އެ ކުންފުނިން ވަނީ ހުޅުމާލޭން ބިން ހޯދާފަ އެވެ. އަދި އެ ބިމުގައި 17 ބުރީގެ އެޕާޓުމަންޓު ކޮމްޕްލެކްސްއެއް ތަރައްގީކުރަން، އެ ތަނުގެ ކޮންކްރީޓު މަސައްކަތްތައް ނިންމާފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އެބައޮތް މިއީ ޕޮލްކޯގެ ފައިސާއިން ކުރި ކަމެއް ކަމާއި، އެއީ އެ މީހުން ޕޮލްކޯގެ ފައިސާ ބޭނުންކޮށްގެން ކްރިއޭޓުކޮށްފައި ހުރި އެސެޓެއްކަން އޭގެން އެނގެން އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.
ޕޮލްކޯއިން މި ފައިސާ ދޫކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އައިލެންޑް އެކްސްޕާޓުގެ ޑިރެކްޓަރަކު ހުޅުމާލޭން ބިމެއް ވެސް ގަތެވެ. މި ބިން ގަތުމަށް ފަހު އެ ބިން ވިއްކާލާފައިވާއިރު، މި ހުރިހާ މުއާމަލާތެއް ހިންގީ ޕޮލްކޯއިން ނެގި ފައިސާއިން ކަމަށް ނާޒިމް ކޮމިޓީގައި ވިދާޅުވި އެވެ.
އައިލެންޑް އެކްސްޕާޓުގެ އިތުރުން މި މައްސަލައިގައި ޝާމިލުވާ ވަކިވަކި ފުލުހުންގެ ތަފުސީލުތައް ވެސް ކޮމިޓީއަށް ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިިކަމުގައި ހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅަން ވެސް ކޮމިޓީން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފުލުހުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ. އެ މީހުންނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ އިތުރުން ގާނޫނުލްއުގޫބާތުގެ ވަރަށް ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ވެގެން 2013 ވަނަ އަހަރު ހަވާލި މަޝްރޫއުގެ ދަށުން މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެ، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް މި މަޝްރޫއުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރި އެވެ.
Comment