Advertisement

މަޖިލީހުގައި މަސައްކަތެއް ނެތީ ސަރުކާރުން ބިލު ހުށަޅާނާތީ، އިދިކޮޅުން ހުށަހަޅާ ކަންކަން ކުރިއަކަށް ނުގެންދޭ: ނާޒިލް

22 އޭޕްރީލް 2025 - 14:50 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް : އޭނާ ވިދާޅުވީ މަޖިލީހުގައި މަސައްކަތެއް ނެތީ ސަރުކާރުން ބިލު ހުށަނާޅާތީ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މަޖިލީހުގައި މަސައްކަތެއް ނެތީ ސަރުކާރުން ބިލު ހުށަޅާނާތީ، އިދިކޮޅުން ހުށަހަޅާ ކަންކަން ކުރިއަކަށް ނުގެންދޭ: ނާޒިލް

22 އޭޕްރީލް 2025 - 14:50 0

ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސަރުކާރުން ބިލުތައް ހުށަނާތީ ކަމަށާއި އިދިކޮޅުން ހުށަހަޅާ ކަންކަން މަޖިލީހުގައި ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަދަދު ނޫހާ ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު، ނާޒިލް ވިދާޅުވީ އިއްޔެ އަދި މިއަދުގެ ޖަލްސާ ކެންސަލްކުރި ސަބަބެއް މަޖިލީހުން ނުބުނާ ކަމަށެވެ. ނަމަވެސް ތަޅުމުގައި ކުރާނެ މާގިނަ މަސައްކަތެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިގޮތަށް ދިމާވާ ސަބަބަކީ ހަގީގަތުގަ ސަރުކާރުން ފޮނުވަންޖެހޭ ބިލުތަކާއި މަސައްކަތްތައް މަޖިލީހަށް ނުފޮނުވޭތީ. ސަރުކާރުން މަސައްކަތް ނުކުރެވޭކަން. ސަރުކާރުގެ ނާގާބިލުކަން އަޅުގަނޑުމެންނަށް ވަރަށް ސާފު،" ނާޒިލް ވިދާޅުވި އެވެ.

ގާނޫނީ ރިފޯމް އެޖެންޑާގެ ދަށުން 20 ވަނަ މަޖިލީހަށް 200 ބިލު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް ނާޒިލް ވިދާޅުވީ އެ އަމާޒު ހާސިލްވާތަން ނުފެންނަ ކަމަށެވެ. މި ސަރުކާރުން މައިގަނޑު ގޮތެއްގައި މިހާތަނަށް މަޖިލީހަށް ފޮނުވީ ނިމިދިޔަ 19 ވަނަ މަޖިލީހަށް ކުރީގެ ސަރުކާރުން ފޮނުވައި ނުނިމި ހުރި ބިލުތަކާއި ސަފީރުން އައްޔަންކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލީހަށް މިވީ 10 ވަރަކަށް މަސް ތެރޭގަ ފޮނުވިފަ ހުރީ އެ މަސައްކަތްތައް އަސްލުގަ. ކުރީގަ ވެސް މަޖިލީހުގަ ކޮށްފަ ހުރި މަސައްކަތްތަކެއް 19 މަޖިލިސް ނިމުމާ އެކީގަ އަނބުރާ ގެންގޮސްފަ 20 ވަނަ މަޖިލީހަށް ފޮނުވާފަ ހުރީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ހުށަހަޅުއްވާ ބިލުތަކާއި ގަރާރުތައް އަދި ވަޒީރުން ހާޒިރުކުރަން ހުށަހަޅާ ސުވާލުތަކުގެ މަސައްކަތް ހުއްޓުވާ، ލަސްކަރުމުންދާ ކަމަށްވެސް ނާޒިލް ތުހުމަތުކުރެއްވި އެވެ.

"އެމްޑީޕީ މެންބަރުން ވަޒީރުންނާ ސުވާލުތަކެއްވެސް ކޮށްފަ އެބައޮތް. އެކަމުގެ މުހުލަތުތަކެއްވެސް، އެ އޮންނަ މުއްދަތެއްވެސް ނިމި ގޮސްފި. އެހެންނަމަވެސް ވަޒީރު މިތަނަކަށް ހާޒިރެއް ނުކުރެވޭ. މަޖިލީހުގެ ބާރުވެސް މިއޮތީ ވަރަށް ބޮޑަށް ސަރުކާރުން ހިފަހަށްޓާފަ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" ނާޒިލް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަންޖެހެ އެވެ. މައިނޯރިޓީ ލީޑަރު ފޯނުން ދެއްކެވި ވާހަކައިގައި ވެސް އެކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ވެސް މަޖިލީހުން ބޭއްވީ އެންމެ ޖަލްސާއެކެވެ. މި ހަފުތާގައި ވެސް ބާއްވާނީ އެންމެ ޖަލްސާއެއް ކަމަށް ބެެލެވެ އެވެ.

ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ވަޒީރުންނާ ސުވާލު ކުރަން އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކައިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.