19 އޭޕްރީލް 2025 - 09:01 0
19 އޭޕްރީލް 2025 - 09:01 0
އިރާންގެ ތަޖުރިބާކާރު ކޯޗު، އަލީ ޕޯ އަރޫޖީގެ ބެލުމުގެ ދަށުން ގައުމީ 23 އަހަރުން ދަށުގެ ފިރިހެން ވޮލީ ޓީމުގެ ޓްރަޔަލްތަކެއް ކުރިއަށް ގެންދަނީ، "ރޯޑް ޓު އައިއޯއައިޖީ ފައިނަލް" ޕްރޮޖެކްޓް ފެށުމުގެ ގޮތުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.
ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މައި ޖަމިއްޔާ، އެފްއައިވީބީގެ އެހީތެރިކަމާ އެކު، އަލީ ޕޯ ގެނެސްގެން ވީއޭއެމް އިން ޓްރަޔަލްތަކެއް ކުރިއަށްގެންދަނީ، މުސްތަގުބަލަށް ބަަލައި، ރަނގަޅު ޓީމެއް ބިނާކުރުމަށެވެ.
އަލީ ޕޯއާ އެކު މި މަސައްކަތް ފެށުމަށްޓަކައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ، އަލީ ޕޯއާ އެކު ގާތްގަޑަކަށް އަށް ވަރަކަށް މަސް ދުވަހު ފަރިތަކުރުމުން، ޒުވާން ޓީމުގެ ކުޅުންތެރިންނަށް ސީނިއާ ގައުމީ ޓީމަށް އެރޭވަރު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި މަހު 29 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒު އިންޑޯގައި ކުރިއަށްގެންދާ ޓްރަޔަލް އިން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ފެނިގެންދާނެ ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.
އިރާނާއި ބަންގްލަދޭޝަށް ވެސް އޭޝިއާގެ އެކި މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރި ކޯޗު އަލީ ޕޯ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ރާއްޖޭއާ ދެކޮޅަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެފަ އެެވެ.
ކުރިން ވޮލީބޯޅަ ކުޅެފައިވާ އަލީ ޕޯ، ކޯޗިން ކެރިއަރު ރަސްމީކޮށް ފަށާފައިވަނީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އިރާންގެ އެކި ލެވަލްގެ ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށް ފަހު، ބައިނަލްއަގުވާމީ ލެވަލަށް ނުކުމެ، މިހާތަނަށް ހަވާލުވި އެކި ޓީމުތަކުގައި ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ، ބަންގްލަދޭޝްގެ ގައުމީ ޓީމުގައި ގިނަ އަހަރުތަކެއް މަސައްކަތްކުރި އަލީ އަކީ އެފްއައިވީބީގެ ކޯޗިންގެ މަތީ ފާހެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.
"ރާއްޖޭގައި ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް،" އަލީ ޕޯ ބުންޏެވެ.
އަލީ ޕޯ އަކީ އޭނާ ވަރަށް ގިނަ ދުވަހު ދަންނަ ކޯޗެއް ކަމަށް ވީއޭއެމްގެ ރައީސް ލަތީފް ވަނީ ވިދާޅުވެފަ އެވެ. އަދި، އަލީ ޕޯގެ މަސައްކަތްތައް ވަރަށް ގާތުން ފެނިފައިވާ ކަމަށާއި ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ލަތީފް ވަނީ ބުނެފަ އެވެ.
ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމު ގިނަ ފަހަރުތަކެއް މަތިން އަދާކޮށްފައިވާ ވީއޭއެމްގެ ސީނިއާ ނައިބު ރައީސް، މުހައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވީ، އަލީ ޕޯގެ ބެލުމުގެ ދަށުން މި ބިނާ ކުރެވެނީ ރާއްޖޭގެ ވޮލީބޯޅައިގެ މުސްތަގުބަލު ކަމަށެވެ. އަދި، އެކަަމަށްޓަކައި ޓާގެޓް ކުރެވިގެން ކުރެވޭ މި މަސައްކަތުގައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
Comment