14 އޭޕްރީލް 2025 - 18:22 0
މެންބަރު އަޒާން: ވިދާޅުވީ އަނިޔާވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ބިލު ބަދަލު ކުރަން ފެންނަ ކަމަށް -- ފޮޓޯ: މަޖިލިސް
14 އޭޕްރީލް 2025 - 18:22 0
އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް މަނާ ކުރަން ހުށަހެޅި ބިލު ބަދަލުކޮށް، ފަލަސްތީނަށް ދެެމުންދާ ހަމަލާތައް ހުއްޓައިލުމަށްފަހު، ކުރިން ކިތަންމެ އަނިޔާވެރިވި މީހަކަށް ވެސް ރާއްޖެއަށް އާދެވޭ ގޮތަށް ހަދަން މަސައްކަތް ކުރާތީ މެންބަރު އަހުމަދު އަޒާން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރާއީލުގެ ޕާސްޕޯޓު ހޯލްޑަރުން ރާއްޖެ އައުން މަނާ ކުރުމަށެވެ. އެމީހަކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅުނަސް ރާއްޖެ ނާދެވޭ ގޮތް ހަދަން އެ ބިލުގައި މީކާއީލް ހުށަހެޅި އެވެ.
އެކަމަކު ގައުމީ ސަލަމާތާ ބެހޭ ކޮމިޓީއިން ވަނީ ބިލު ބަދަލުކޮށް، އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށް ހަދައިފަ އެވެ. އަދި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަނީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން ކަމަށް ވެެސް ބިލުގައި ބުނެފައިވެ އެވެ. އަޒާންގެ ކަންބޮޑުވުމަކީ އަނިޔާވެރިވި މީހާއަށް ފަހުން ރާއްޖެ އާދެވުމެވެ.
"މި އިސްލާހު މިހާރު އިބާރާތްކުރެވިފައި އޮތުމުގައި، ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ހާއްސަ ގޮތެއްގައި އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާ މެދު އެ ހިންގާ ލާއިންސަނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެކަން ނުކުރެވޭނެ ގޮތަކަށް އިބާރާތް ބަދަލުކުރަން ފެނޭ،" އޭނާ މިރޭ ވިދާޅުވި އެވެ.
އެ ބިލާމެދު ގޮތެއް ނިންމަން މާދަމާ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. އަޒާން ވިދާޅުވެފައި އޮތީ މިހާރު އޮތް ގޮތަށް ވެސް އޭނާ ބިލަށް ވޯޓު ދެއްވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ރައްޔިތުންގެ ލަފައެއް ބޭނުންވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ސަރުކާރުން މިހެން ނިންމިއިރު ވެސް މަޖިލީހުގައި މި ބިލު އޮތެވެ.
ބިލުގެ މަސައްކަތް ލަސްވެ ސަރުކާރަށާއި މަޖިލީހަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން މަޖިލީހާއި ސަރުކާރު ނުކުޅެދިފައިވާ ވަނިކޮށް މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment