ވެންޓިލޭޓަރަށް ފައިސާ އަތުލުމަށްފަހު މަކަރު ހެދި ކުންފުނީގެ ވެރިޔާ ހޯދަން ރެޑް ނޯޓިސް ނެރެން މަޖިލީހުން އަންގައިފި

14 އޭޕްރީލް 2025 - 17:25 1

މަޖިލީހުގެ ނައިބު ރައީސް ނާޒިމް: ވިދާޅުވީ ކުންފުނީގެ ވެރިޔާ ހޯދުމުން ފައިސާ ގޮސްފައިވާ ދިމާތައް ވެސް ހޯދޭނެ ކަމަށް -- ފޮޓޯ: މަޖިލިސް


ވެންޓިލޭޓަރަށް ފައިސާ އަތުލުމަށްފަހު މަކަރު ހެދި ކުންފުނީގެ ވެރިޔާ ހޯދަން ރެޑް ނޯޓިސް ނެރެން މަޖިލީހުން އަންގައިފި

14 އޭޕްރީލް 2025 - 17:25 1

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެންޓިލޭޓަރުތަކެއް ގަތުމަށް ހެލްތު މިނިސްޓްރީއިން ފައިސާ ދެއްކުމުން މަކަރު ހެދި ދުބާއީ ކުންފުނީގެ ވެރިޔާ ލޮކޭޓު ކުރުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސްއެއް ހޯދަން އަންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ފައިސާ ދެއްކީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކަށެވެ. ޖުމުލަ 75 ވެންޓިލޭޓަރު ހޯދަން 34 މިލިއަން ރުފިޔާ ސަރުކާރުން ދިން ނަމަވެސް އެ ކުންފުނިން ފޯރުކޮށްދިނީ އެންމެ 15 ވެންޓިލޭޓަރެވެ.

އެ މައްސަލައަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްވަމުން ނާޒިމް ވިދާޅުވީ، މައްސަލަ ހައްލު ކުރަން ޑުބާއީ ކުންފުންޏާ ވާހަކަ ދެއްކި ނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ. މިހާތަނަށް ކުރި ތަހުގީގުތަކުން ޑުބާއީ ކުންފުނީގެ ވެރިޔާ ވެސް ހޯދިފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންވެ، އޭނާ ލޮކޭޓު ކުރަން ރެޑް ނޯޓިހެއް ހޯދަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރެޑް ނޯޓިސް ނެރޭ ހިސާބުން އޯނަރު ފެންނާނެ. އެ މީހާ އަތުވީމަ ފައިސާއަށް ހެދި ގޮތަކާއި ބަޔަކަށް ދިނިއްޔާ އެ ޓްރޭސް ވެސް ކުރެވޭނީ. އެ މަގުން އެކަން ކުރުމަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި،" ނާޒިމް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގަތުމަށް ކަމަށް ބުނެ ޑުބާއީ ކުންފުންޏަށް ފައިސާ ދިނީ އެއްބަސްވުމެއްގައި ވެސް ސޮއިނުކޮށެވެ. ވެންޓިލޭޓަރު ހޯދަން އެ ކުންފުންޏާ ހަވާލު ކުރީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ލަފާ ދީގެން ކަމަށް ހެލްތު މިނިސްޓްރީން އެއިރު ބުންޏެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އެކަން ދޮގު ކުރެ އެވެ.

އެ މައްސަލައިގައި އެއިރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލި އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއިރު ނިންމީ އަމީން ހިމެނޭ ގޮތަށް އަށް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ވަނީ އެ މައްސަލަ މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފަ އެވެ. އާބިޓްރޭޝަނުން ނިންމީ އެ މައްސަލައިގައި ބަދަލެއްގެ ގޮތުން 2.1 މިލިއަން ޑޮލަރު ޑުބާއީ ކުންފުނިން ސަރުކާރަށް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ހޯދިފައެއް ނުވެ އެވެ.