ލިވަޕޫލް ލީގު ހޯދުމާ ގާތަށް، ޔުނައިޓެޑްގެ ނާކާމިޔާބީ އަށް ހުއްޓުމެއް ނެތް

13 އޭޕްރީލް 2025 - 18:52 0


ލިވަޕޫލް ލީގު ހޯދުމާ ގާތަށް، ޔުނައިޓެޑްގެ ނާކާމިޔާބީ އަށް ހުއްޓުމެއް ނެތް

13 އޭޕްރީލް 2025 - 18:52 0

ލިވަޕޫލް (އޭޕްރީލް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ، ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑުގެ ނާކާމިޔާބު ސީޒަނުގައި އިތުރު ދަށް ނަތީޖާ އަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާކީ އޮތް ހަ މެޗުން މަދުވެގެން ހަ ޕޮއިންޓް ލިބުނަސް ލިވަޕޫލަށް 20 ވަނަ ފަހަރަށް ލީގު ތަށި ހޯދޭނެ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 32 މެޗުން ލިބުނީ 63 ޕޮއިންޓެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ލީޑުނެގީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒް ޖެހި ގޯލުންނެވެ. މި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިން ސަލާހު ވަނީ ލީގުގެ ރެކޯޑެއް ހަދައިފަ އެެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި، ލަނޑު ޖެހުމާއި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ޖުމްލަ އެކު، 45 އަކަށް އެރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ކުރިން އެ ރެކޯޑް އޮތީ 44 (ގޯލް/އެސިސްޓް)އާ އެކު، މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި އާސެނަލްގެ ތިއަރީ އޮންރީ އަތުގަ އެވެ.

ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ފުލްބެކް، އެންޑީ ރޮބަޓްސަން އަތުން މެޗުގެ 86 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލުން ވެސްޓް ހޭމް އިން އެއްވަރުކުރި ނަމަވެސް، އޭގެ ތިން މިނިޓް ފަހުން، ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ވާޖިލް ވެން ޑައިކް ވައްދާލި ގޯލުން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.

ޔުނައިޓެޑުން އެއް ވަނަ ކީޕަރު، އަންދްރޭ އޮނާނާ މެޗު ސްކޮޑުގައި ވެސް ނުހިމަނައި، ދެ ވަނަ ކީޕަރު، ތުރުކީގެ އަލްޓޭ ބަޔިންދީރު ލައިގެން ކުޅުނު މެޗުގެ ފުރަތަަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސަންޑްރޯ ޓޮނާލީ ނިއުކާސަލަށް ލީޑުނަގައިދިންއިރު، އަލެހަންދްރޯ ގާނާޗޯ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.

ނިއުކާސަލް އިން 1931 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގުގެ އެއް ސީޒަނެއްގައި ޔުނައިޓެޑް ދެ ފަހަރަށް ބަލިކުރީ، މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. އޭގެއިން ދެ ގޯލު ޖެހީ ހާވީ ބާންސް އެވެ. އަނެއް ލަނޑު ޖެހީ، ބްރޫނޯ ގިމާރޭސް އެވެ.

މި މެޗުން ބަލިވުމުން ޔުނައިޓެޑް އޮތީ 32 މެޗުން 38 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ. މިރޭ ވުލްވްސް އަތުން 4-2 އިން ބަލިވި ޓޮޓެންހަމް އޮތީ 15 ވަނައިގަ އެވެ. އެއީ، 32 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

ނިއުކާސަލް ވަނީ މި މޮޅާ އެކު، 31 މެޗުން 56 ޕޮއިންޓް ހޯދައި، ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. ފަސް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 32 މެޗުން ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. މިރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި، އިޕްސްވިޗް ޓައުންއާ އެއްވަރުވި ޗެލްސީ އޮތީ ހަ ވަނައިގަ އެވެ. އެއީ، 32 މެޗުން 54 ޕޮއިންޓާ އެކު އެވެ. އެއީ، ހަތް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ޕޮއިންޓް ލިބިފައިވާ މިންވަރެވެ.