ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުން އައިޑީކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހަދަނީ

13 އޭޕްރީލް 2025 - 10:23 0

މުހައްމަދު ޝަހްޒާން

މ

ދިވެއްސެއްގެ އައިޑީ ކާޑެއް؛ އައިޑީކާޑުގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަނީ މެލޭޝިއާ، އިންޑިއާ، ސްރީލަންކާ އަދި އިނގިރޭސިވިލާތުގައި -- ފޮޓޯ: އަދަދު


ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުން އައިޑީކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހަދަނީ

13 އޭޕްރީލް 2025 - 10:23 0

ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުން އައިޑީކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު" ވެބްސައިޓުގައި މިއަދު ހޯމް މިނިސްޓްރީން ޝާއިއު ކުރި ހަބަރެއްގައި ބުނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން މަސައްކަތް ކުރަމުން ދަނީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން އިނގިރޭސިވިލާތް އަދި މެލޭޝިއާއިން އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ، އެ ގައުމުތަކުން އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށާނެ ތާރީހުތަކެއް އަދި ކަނޑަނާޅާ ކަމަށާއި ރައީސް އޮފީހުން ދެއްވާ ތާވަލަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އެ ތަންތަނަށް ބޭނުންވާ ބައެއް މެޓީރިއަލްތައް ޕްރޮކިއުމެންޓް ކުރުމާއި ދެން ތަންތަނުގެ ސްޕޭސް ކްރިއޭޓު ކުރުމާ އެ ކަންތައްތައް ކުރިއަށް ދަނީ، ދެން މިއީ ފޮރިން އެމްބަސީތަކުގައި ހުންނަ ކަންކަން ވީމާ އެ ތަންތަނުން ނަގަންޖެހޭ ހުއްދައެއް އޮތްތޯ ބަލައި، އެކަންކަން ވެސް އެބަދޭ ކުރިއަށް،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ދިނުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ހޯމް މިނިސްޓްރީން ބުނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް އިތުރު ހަތަރު ރަށެއްގައި އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެެވެ. އެއީ މ. މުލީ، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫ އެވެ.

މާލެ ސަރަހައްދުގެ އިތުރުން މާލޭގެ 15 ރަށަކުން މިހާރުވެސް އައިޑީ ކާޑުގެ ހިދުމަތް ޑީއެންއާރުން ދަނީ ދެމުންނެވެ.