13 އޭޕްރީލް 2025 - 02:52 0
13 އޭޕްރީލް 2025 - 02:52 0
ލަންޑަން (އޭޕްރީލް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ފަހަތުން އަރައި 5-2 އިން މެންޗެސްޓާ ސިޓީން މުހިންމު މޮޅެއް ހޯދިއިރު، އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ 1-1 އިން އެއްވަރުވެ، އާސެނަލުން ލީގުގެ ރޭހުގައި ފަހަތަށް ފިޔަވަޅެއް އަޅައިފި އެެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 31 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 32 މެޗުން 63 ޕޮއިންޓެވެ. ލީގުގައި ލިވަޕޫލަށް ބާކީ އޮތް ހަތް މެޗުން، ޗެމްޕިއަންކަން ޔަގީންކުރަން ބޭނުންވަނީ ތިން މޮޅެވެ.
ލީގުގެ ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް ރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެވަޓަން އަތުން ބަލިވެފަ އެވެ. ނޮޓިންހަމް އަށް ވަނީ 32 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ސިޓީން ރޭ ހޯދި މޮޅާ އެކު، އެ ޓީމަށް ވަނީ 32 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.
ސިޓީ ދަނޑުގައި ރޭ ކްރިސްޓަލް ޕެލަސް އިން ވަނީ އެބްރެޗޭ އެޒޭ އާއި ކްރިސް ރިޗާޑްސް ޖެހި ގޯލުތަކުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، ކެވިން ޑި ބްރޭނާ އާއި އޮމަރު މާމޫޝް ވަނީ ލަނޑު ޖަހައި، ފުރަތަމަ ހާފުގައި ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ، މަޓެއޯ ކޮވަސިޗް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ދިން ބޯޅައަކުން ޖޭމްސް މެކްއަޓީ ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ ތިން ޕޮއިންޓް ސިޓީ އަށް ޔަގީންކޮށްދިން ލަނޑު ޖެހީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ތަރި، ނިކޯ އޯރައިލީ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް އަށް ރޭގެ މެޗުގެ ދެ ވަނަ ހާފުގައި، ލީޑުނަގައިދިނީ ތޯމަސް ޕާޓޭ އެވެ. މިއީ، ބްރެންޓްފޯޑަށް ލިބުނު ކޯނަރެއްގައި، އާސެނަލުން ޖެހި ކައުންޓަ އެޓޭކެއްގައި، ޑެކްލަން ރައިސް ދިން ބޯޅައަކުން ޕާޓޭ ޖެހި ގޯލެކެވެ.
މި މެޗުގެ ފަހު ވަގުތު އާސެނަލްގެ ބުކާޔޯ ސަކާ ގޯލު ޖަހަން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment