13 އޭޕްރީލް 2025 - 03:23 0
އަހުމަދު ދާއޫދު
ޓެރިފް ކަނޑާލި ތަކެތީގެ ތެރޭގައި ސްމާޓްފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެތި ހިމެނޭ -- ފޮޓޯ: އޭޕީ
13 އޭޕްރީލް 2025 - 03:23 0
ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރާ ސްމާޓްފޯނާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ތަކެއްޗަށް ޓެރިފް އިސްތިސްނާ ދީފި އެވެ.
މިއާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރި 125 އިންސައްތައިގެ ރެސިޕްރޮކަލް ޑިއުޓީން މި ތަކެތި ސަލާމަތްވެގެން ދާނެ އެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އޭޖެންސީން ޝިޕަރުންނަށް ފޮނުވި ނޯޓިސްއެއްގައި، ޑިއުޓީން އިސްތިސްނާ ކުރެވޭ ޓެރިފް ކޯޑުތަކުގެ ލިސްޓެއް ޝާއިއުކޮށްފައިވެ އެވެ. މި އިސްތިސްނާތައް ރެޓްރޯއެކްޓިވްކޮށް 5 އޭޕްރިލް ހެނދުނު 12:01 އަށް ހިނގަން ފަށާނެ އެވެ.
ސީބީޕީން އާންމުކުރި ލިސްޓުގައި 20 ބާވަތެއްގެ އުފެއްދުން ހިމެނެ އެވެ. މީގެ ތެރޭގައި ހުރިހާ ކޮމްޕިއުޓަރުތަކާއި، ލެޕްޓޮޕްތަކާއި، ޑިސްކް ޑްރައިވްތަކާއި އަދި އޮޓޮމެޓިކް ޑޭޓާ ޕްރޮސެސިން ތަކެތި ހިމެނޭ 8471 ކޯޑެއް ހިމެނެ އެވެ.
މީގެ އިތުރުން ސެމިކޮންޑަކްޓާ ޑިވައިސްތަކާއި، އިކުއިޕްމަންޓްތަކާއި، މެމޮރީ ޗިޕްތަކާއި އަދި ފްލެޓް ޕެނަލް ޑިސްޕްލޭތައް ވެސް ހިމެނިފައިވެ އެވެ.
މި ނިންމުމުގެ ސަބަބުން އެޕަލް، ޑެލް ޓެކްނޮލޮޖީސް އަދި އެހެނިހެން ބޮޑެތި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އަދި ޓްރަމްޕްގެ މި ނިންމުމުގެ ސަބަބުން ޗައިނާ ފިޔަވައި އެހެން ގައުމުތަކުން އިމްޕޯޓްކުރާ ތަކެއްޗަށް ކަނޑައަޅާފައިވާ 10 އިންސައްތައިގެ "ބޭސްލައިން" ޓެރިފްއިން ވެސް މި އިލެކްޓްރޯނިކް ތަކެތި އިސްތިސްނާވެގެންދާނެ އެވެ.
މިއާއެކު ޓައިވާނުން އިމްޕޯޓްކުރާ ސެމިކޮންޑަކްޓަރުތަކާއި އިންޑިއާގައި އުފައްދާ އެޕަލް އައިފޯނުތައް އިމްޕޯޓްކުރުމުގެ ހަރަދު ކުޑަވެގެންދާނެއެވެ.
ނަމަވެސް، ޗައިނާއިން އިމްޕޯޓްކުރާ ތަކެއްޗަށް މި އިސްތިސްނާ ދެވިފައިވަނީ ހަމައެކަނި ޓްރަމްޕްގެ ރެސިޕްރޮކަލް ޓެރިފްތަކަށެވެ. ކުރިން ޗައިނާގެ ހުރިހާ އިމްޕޯޓްތަކަށް ކަނޑައަޅާފައިވާ 20 އިންސައްތައިގެ ޑިއުޓީ ދެމިއޮންނާނެކަމަށް ވައިޓް ހައުސްގެ އޮފިޝަލެއް ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment