12 އޭޕްރީލް 2025 - 17:06 0
ލީވާން އަލީ ނާސިރު
އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާގެ ތެރެއިން: އެ ޖަލްސާގައި ޕާޓީގެ އާދަޔާހިލާފު ކޮންގްރެސްއެއް އޯގަސްޓް 15، ގައި ބާއްވަން ވަނީ ފާސްކޮށްފައި -- ފޮޓޯ: އެމްޑީޕީ
12 އޭޕްރީލް 2025 - 17:06 0
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާދަޔާހިލާފު ކޮންގްރެސް އޯގަސްޓް 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 71 މެންބަރުން އާދަޔާ ހިލާފު ކޮންގްރެސް އޯގަސްޓް 15، ގެ ކުރިން ބާއްވަން ވޯޓު ދިނެވެ.
ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަން ކޮމިޓީއެއް ވެސް ގައުމީ މަޖިލިސް ޖަލްސާގައި އެކުލަވައިލި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޯގަސްޓު، 2022، ގަ އެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު އުސޫލުގެ ދަށުން ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އާދަޔާ ހިލާފު ކޮންގްރެސް ބޭއްވިދާނެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ހިމެނެނީ ގައުމީ މަޖިލީހުގެ މެންބަރުން، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސުން، ޕްރޮވިންސްތަކުގެ ނައިބު ރައީސުން، ދާއިރާތަކުގެ ނައިބު ރައީސުން، ގޮފިތަކުގެ ރައީސުން ނުވަތަ ނައިބު ރައީސުން، ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުންނެވެ.
މިއީ އެމްޑީޕީގެ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. 2022 ގައި އެމްޑީޕީން ބޭއްވި ކޮންގްރެސްގައި ވެސް 1،100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment