12 އޭޕްރީލް 2025 - 06:59 0
އަތޫފް އާތިފް
12 އޭޕްރީލް 2025 - 06:59 0
މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި ކްލަބް ވެމްކޯ އިން ދެ ވަނަ މެޗުގައި ފްލެކްސާ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ސެޓުން ކުރިހޯދިއިރު، ޕޮލިސް ކްލަބުން ފަސް ސެޓު ކުޅެ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ވެމްކޯ އިން ފްލެކްސާ 3-1 ސެޓުން ބަލިކުރި މެޗުގެ ސެޓުތައް ދިޔައީ، 25-20، 22-25، 25-22 އަދި 26-24 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ވެމްކޯ އިން ހޯދި ބޮޑު ލީޑު އެ ޓީމުން ވަނީ ދަމަހައްޓައި އެ ސެޓު ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގެ ކުރީކޮޅު ވެމްކޯ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އޭގެ ފައިދާ ނަގާ ފްލްކްސާ އިން ވަނީ ހަ ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފަ އެވެ. އެ ލީޑު ދަމަހައްޓައި ދެ ވަނަ ސެޓު ފްލެކްސާ އިން ގެންދިޔައީ 25-22 އިިންނެވެ.
ޖެހިގެން އައި ދެ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު، މި ސެޓުތަކުގައި ވެމްކޯގެ ތަފާތަކަށްވީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ.
ޕޮލިސް ކްލަބާ ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މީގެ އިތުރުން ރޭ ޕޮލިސް ކްލަބުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-15، 22-25، 25-12، 28-26 އަދި 15-12 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު އެ ޓީމުން ވަނީ ފަސޭހަކަމާއެކު 25-15 އިން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ދެވަނަ ސެޓުގައި ޖުމްލަކޮށް ޕޮލިސް ކްލަބަށް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ލީޑު ނަގައިގެން ކުޅެވޭ ގޮތް ނުވި އެވެ. މި ސެޓު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 25-22 އިންނެވެ.
ތިން ވަނަ ސެޓުގައި ޔޫތު ނިއު ޖެނެރޭޝަންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔުމުގެ ފައިދާ ނަގާ ޕޮލިސް ކްލަބުން ވަނީ ފަސޭހަކަމާއެކު 25-12 އިން މި ސެޓު ކާމިޔާބުކޮށްފަ އެވެ. ޖެހިގެން އައި ހަތަރުވަނަ ސެޓަކީ މި މެޗުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ ސެޓެވެ. މި ސެޓު ނިންމަން ޕޮލިސް ކްލަބަށް ދެ ފަހަރުގެ މަތިން ފުރުސަތު ލިބުނެވެ. އެކަމަކު ފަހު ވަގުތު ޔޫތު ނިއު ޖެނެރޭޝަންގެ ބިދޭސީ ދެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއެކު މި ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 28-26 އިންނެވެ.
މެޗުގެ ފަސްވަނަ ސެޓުގެ ކުރީކޮޅު ޔޫތު ނިއު ޖެނެރޭޝަނުން ވަނީ ފަސް ޕޮއިންޓް ލީޑު ކޮށްގެން ކުޅެފަ އެވެ. އެގޮތުން ސެޓުގެ ފުރަތަމަ އަށް ޕޮއިންޓް ވެސް ހޯދީ އެ ޓީމުންނެވެ. އެކަމަކު ފަހު ވަގުތު މުޅި މި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި ގްރެޒިލީގެ މޮޅުކުޅުމާއެކު ކައިރި ކައިރީ ޕޮލިސް ކްލަބުން ޕޮއިންޓް ސްކޯކޮށް ސެޓު އަނބުރާލި އެވެ. މި ސެޓު ޕޮލިހުން ގެންދިޔައީ 15-12 އިންނެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ޖީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ ހުރާ ސީސީ އެވެ. އަދި ދެވަނަ މެޗުގައި އަސްދިގަ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ސިޓީ ފްރެންޑްސް ކްލަބެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment