Advertisement

ސަރުކާރުގެ ޓެކްސީ ހިދުމަތް ޖުލައި މަހު ފަށާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

11 އޭޕްރީލް 2025 - 22:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން : އޭނާ ވިދާޅުވީ ސަރުކާރުގެ ޓެކްސީ ހިދުމަތް ޖުލައި މަހު ފެށޭނެ ކަމަށް --- ފޮޓޯ: އަދަދު


ސަރުކާރުގެ ޓެކްސީ ހިދުމަތް ޖުލައި މަހު ފަށާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

11 އޭޕްރީލް 2025 - 22:21 0

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެފައިވާ ވައުދާ ހިލާފުވެ، ޑްރައިވަރުންގެ ދެކޮޅު ހެދުންތަކަށް ވެސް ބެލުމެއް ނެތި، ސަރުކާރުން ތައާރުފުކުރާ ޓެކްސީ ހިދުމަތް ޖުލައި މަހު ފަށާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 100 ޕަސަންޓް އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީ ލައިނެއްގެ ހިދުމަތް ދިނުމަށެވެ.

ޕީއެސްއެމް އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މިހާރު ކުރަމުން ދަނީ އީވީތައް ހޯދުމާއި އެ ތަކެތި މާލެ ގެނެސް ޗާޖުކޮށް މެއިންޓެއިން ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާމުން ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" އަމީން ވިދާޅުވި އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި މިނިސްޓަރު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިދިޔަ އޮކްޓޯބަރު 29، ގަ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަންނަން ނިންމީ ރައްޔިތުންނަށް ފަސޭހަކޮށްދީ މިހާރަށްވުރެ ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

"ޓެކްސީގެ ހިދުމަތަށް ރަޖިސްޓްރީކޮށްފަ 1500 އެއްހާ ކާރު ނޫނިއްޔާ ވެހިކަލް އެބައޮތް. އެކަމަކު ނިޒާމެއްގެ ތެރެއިން އެމީހަކު ބޭނުންވި ގަޑިއެއްގަ އެމީހަކު ބޭނުންވި ވަރަކަށް އެމީހަކު ބޭނުންވި ވަގުތެއްގަ ނުކުމެ މި ހިދުމަތް ދެނީ ދެއްތޯ،" އަމީން ވިދާޅުވި އެވެ.

މިހާރު މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެނީ އަމިއްލަ ކާރުތަކުގައި ކަމަށްވާތީ، ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރަށް އެއްވެސް ކޮންޓްރޯލެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ސްޓޭންޑަޑް ކަނޑައެޅުން. އަސްލުގައި ސްޓޭންޑަޑް ކަނޑައަޅާފައި ޓެކްސީ ލައިންތައް ޑިސިޕްލިންވެ ޕަބްލިކް އެކްސްޕެކްޓޭޝަނާ އެއްވަރަށް މި ހިދުމަތް ދެވޭ ކަމަށްވަންޏާމުން ހަމަ މާދަމާ ވެސް ސަރުކާރަށް ޓެކްސީ ލައިން ހުއްޓާލެވޭނެ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުން މި މަޝްރޫއު ފެށީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހުއްޓުމެއްނެތި ކުރިއަށް ގެންދާ ވިސްނުމެއްގަ އެވެ. ޖުލައި މަހު ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިދުމަތް ދޭން ފެށުމަކީ ފުރަތަމަ ފިޔައްވައްސެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހި ވިލިމާލެ، ގުޅީފަޅު އާއި ތިލަފުށީގައި 2026 އަދި 2027 ގައި ފަށާއިރު، ތިންވަނަ ފިޔަވަހި ކުރިއަށް ގެންދާނީ ރަސްމާލެ އާއި ގިރާވަރުގަ އެވެ.

އެ ޓެކްސީ ލައިންގެ ތެރެއިން ދާއިމީކޮށް 60 ޕަސަންޓް ޑްރައިވަރުން މަސައްކަތް ކުރާއިރު، ޕާޓް ޓައިމްކޮށް މަސައްކަތް ކުރާނީ 40 ޕަސަންޓް ޑްރައިވަރުންނެވެ. އަދި މެކޭނިކަލް މުވައްޒަފުންނާއި އޮޕަރޭޝަނަލް މުވައްޒަފުންގެ އިތުރުން ސާފުކުރާ މުވައްޒަފުން ވެސް ނަގާނެ އެވެ.

އޭގެ އިތުރުން ޓެކްސީ ލައިންގައި ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ހަފްތާއަކު 28 ގަޑިއިރު ކަމަށްވާއިރު، މުސާރަ ލިބޭނީ ކޮންމެ ދެ ހަފްތާއަކުން އެއްފަހަރެވެ.