11 އޭޕްރީލް 2025 - 15:31 0
އަހުމަދު އާއިދު
އިސްލާމިކް މިނިސްޓަރު ޝަހީމު : މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރުން ފަސްކުރަން ނިންމީ އޭނާ މުޝްފިގުގެ އާއިލާއާ ވާހަކަދައްކައިގެން --- ފޮޓޯ: ރައީސް އޮފީސް
11 އޭޕްރީލް 2025 - 15:31 0
ތ. ހިރިލަންދޫއަށް ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25، ގެ މައްޗަށް ކަށުނަމާދު ކުރުން ފަސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ހުކުރު ނަމާދަށްފަހު މުޝްފިގުގެ އުފަން ރަށް މާވަށުގައި އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ނިންމި އެވެ. ނަމަވެސް އެކަން ނުކުރީ މިނިސްޓަރު މުޝްފިގުގެ އާއިލާ އާއި ވާހަކަ ދައްކައިގެން ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.
"ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޝަހީމް ވިދާޅުވި އެވެ.
ކަނޑަށް ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ ގާޒީއަކު އެކަމާމެދު ގޮތެއް ނިންމާ މަރު ސާބިތުކުރުމުން ކަމަށް މިނިސްޓަރު ޝަހީމު އިއްޔެވެސް ވިދާޅުވި އެވެ.
"އިންޝާﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް. އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް،" ޝަހީމު ލިޔުއްވާފައިވެ އެވެ.
އަށާރަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ އެ ބޯޓުގައި އެޕްރީލް 5، ގެ ރޭ އަލިފާން ރޯވުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް، އެ އުޅަނދު ތ. އަތޮޅު އެތެރެވަރިއަށް އަޑިޔަށް ދިޔައީ އެމްއެންޑީއެފުން ބުނި ގޮތުގައި އެ ރޭ މެންދަމު 2:07 ހާއިރު އެވެ.
އޭނާ ހޯދަން ސިފައިން ޑްރޯން އާއި ޑައިވަރުން އަދި ކޯސްޓުގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ. މިހާތަނަށް މުޝްފިގުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment