11 އޭޕްރީލް 2025 - 13:33 0
11 އޭޕްރީލް 2025 - 13:33 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި މި އަހަރު މުޅިން އަލަށް ވާދަކުރަމުން އަންނަ ހުރާ ސީސީ އާއި ފްލެކްސާ ސްޕޯޓްސް ކްލަބް މޮޅަކުން މުބާރާތް ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ހުރާ ކައުންސިލް ކްލަބް އިން ނުކުތީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި ދެކޮޅަށެވެ.
މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނު ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ހުރާ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ 25-12، 25-11 އަދި 25-13 އިންނެވެ.
ފްލެކްސާ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
މީގެ އިތުރުން ރޭ ކުޅުނު މެޗު ފްލެކްސާ ނުކުތީ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ. މި ދެ ޓީމަކީ ވެސް މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ދެ ޓީމެވެ.
ސިޓީގެ މައްޗަށް ފްލެކްސާ ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-11، 25-22 އަދި 25-17 އިންނެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ކްލަބް ވެމްކޯ އިން ނުކުންނާނީ ފްލެކްސާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ މެޗުގައި ޕޮލިސް ކްލަބާ ދެކޮޅަށް ނުކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment