11 އޭޕްރީލް 2025 - 13:06 0
އަހުމަދު ދާއޫދު
11 އޭޕްރީލް 2025 - 13:06 0
މައިކްރޯސޮފްޓުން މިއަހަރުގެ އެކްސްބޮކްސް ގޭމްސް ޝޯކޭސް ޖޫން 8 ގައި ބޭއްވުމަށް ނިންމައިފި އެވެ.
މި ޝޯކޭސްގައި މައިކްރޯސޮފްޓުގެ ފަސްޓް-ޕާޓީ ސްޓޫޑިއޯތަކުންނާއި ތާޑް-ޕާޓީ ޑިވެލޮޕަރުން ބައިވެރިވުމަށް ތައްޔާރުކުރަމުންދާއިރު، އެކުންފުނިތަކުން ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ގޭމްތައް ދައްކާލާނެއެވެ.
މި ޝޯކޭސް ދައްކާލާނީ އެކްސްބޮކްސްގެ ޔޫޓިއުބް، ޓްވިޗް އަދި ފޭސްބުކް ޗެނަލްތަކުންނެވެ. ޝޯކޭސްގެ ފަހުން ވަގުތުން "ދަ އައުޓާ ވާލްޑްސް 2" ގެ ޑައިރެކްޓް ޕްރެޒެންޓޭޝަނެއް ދައްކާލާނެކަމަށްވެސް މައިކްރޯސޮފްޓުން ވަނީ ހާމަކޮށްފައެވެ. ޝޯކޭސްއަކީ ޑިޖިޓަލް-އޮންލީ އިވެންޓެކެވެ.
މި ޝޯކޭސްގައި ދައްކާލާނެ ގޭމްތަކުގެ ތަފްސީލު މައިކްރޯސޮފްޓުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިން އިއުލާންކޮށްފައިވާ ގިއަރސް އޮފް ވޯގެ އާ ވާޝަނަކާއި ޕާފެކްޓް ޑާކް ރީބޫޓްގެ އަޕްޑޭޓްތައް ދައްކާލާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ޕްލޭގްރައުންޑް ގޭމްސްއިން ތައްޔާރުކުރަމުންދާ ފޭބަލްގެ އަޕްޑޭޓެއްވެސް ހިއްސާކުރުމަކީ އެކަށީގެންވާ ކަމެކެވެ. ފޭބަލް އެކްސްބޮކްސް ސީރީޒް އެސް/އެކްސް އަދި ޕީސީއަށް ނެރުމަށް ހަމަޖެހިފައިވަނީ 2025 ގައި ނަމަވެސް، މިހާރު ވަނީ 2026 އަށް ފަސްކުރެވިފައެވެ.
"ދަ އައުޓާ ވާލްޑްސް 2" އަކީ އޮބްސިޑިއަންގެ 2019 ގެ އެކްޝަން-އާރްޕީޖީ "ދަ އައުޓާ ވާލްޑްސް" ގެ ސީކުއަލްއެކެވެ. މި ގޭމް ފުރަތަމަ އިއުލާންކުރެވުނީ 2021 ގައި އެކްސްބޮކްސް އަދި ބެތެސްޑާގެ އީ3 ޝޯކޭސްގައެވެ. ދަ ގޭމް އެވޯޑްސް 2024 ގައި މި ގޭމްގެ ފުރަތަމަ ގޭމްޕްލޭ ޓްރެއިލަރ ދެއްކި އިރު، "އިތުރު އެކްޝަން، އިތުރު ހަތިޔާރު، އަދި އިތުރު ގްރެފިކްސް" މިގޭމަށް އިތުރު ކުރާނެކަމުގެ ވައުދު ވަނީ ވެފައެވެ. ޝޯކޭސްގެ ފަހުން "ދަ އައުޓާ ވާލްޑްސް 2" ގެ ހާއްސަ ޑީޕް ޑައިވްއެއް ދައްކާލާނެއެވެ.
މިއީ މިއަހަރު އިއުލާންކުރެވުނު ދެވަނަ ސަމާ ގޭމްސް އިވެންޓެވެ. ޖެފް ކީލީގެ ސަމާ ގޭމް ފެސްޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 6 ގައެވެ. އެހެންނަމަވެސް ސޮނީން މިއަހަރު ފުލް-ލެންތު ޕްލޭސްޓޭޝަން ޝޯކޭސްއެއް ބޭއްވުމާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އެންމެ ފަހުން ޕްލޭސްޓޭޝަން ޝޯކޭސްއެއް ބޭއްވިފައިވަނީ 2023 ވަނަ އަހަރުއެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment