އިނގިރޭސިވިލާތަށް ރައީސް ކުރެއްވި ދަތުރުގެ ޖުމްލަ ހަރަދު ހާމަނުކުރި

10 އޭޕްރީލް 2025 - 09:50 0

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ޖުމްލަ ހަރަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


އިނގިރޭސިވިލާތަށް ރައީސް ކުރެއްވި ދަތުރުގެ ޖުމްލަ ހަރަދު ހާމަނުކުރި

10 އޭޕްރީލް 2025 - 09:50 0

ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސައި އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުގެ ޖުމްލަ ހަރަދު ރައީސް އޮފީހުން ހާމަނުކުރި އެވެ.

އެޕްރިލް 1، އިން ފެށިގެން 5 ގެ ނިޔަަލަށް އެމަނިކުފާނު އިނގިރޭސވިލިތާތަށް ކުރެއްވި އެ ދަތުރުފުޅަށް ކުރެއްވި ޖުމްލަ ހަރަދު ހާމަނުކޮށް ރައީސް އޮފީހުން ބުނީ އެ އޮފީހުން އެ ދަތުރަށް ހަރަދުކުރީ 153،689.92ރ. ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުން ދަތުރަށް ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ. އިތުރަށް އެ ދަތުރަށް ހަރަދުވި ފައިސާގެ އަދަދު ވެސް އެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި މިއަދު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ކުރި ހަރަދުގެ ބޮޑު ބަޔަކަށް ޕްރައިވެޓް ސެކްޓާއިން ސްޕޮންސާ ދިން ކަމަށެވެ.

"ދޮޅު ލައްކައެއްހާ ރުފިޔާ މި ދަތުރަށް ހަރަދުވީ. އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް. އެހެން ހުރިހާ އެންމެންނާއި، މުޅި ހަރަދު، ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމުލަކޮށް ކުރި ހުރިހާ ކަމެއް ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ތެރެއިން ހަމަޖެއްސީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ލިވަޕޫލާއި އެވަޓަން ކުޅުނު މެޗުގައި ދަނޑުގެ އަރިމަތީގައި ހުންނަ ލެޑު ބޯޑުތަކަށް ރާއްޖޭގެ އިޝްތިހާރު އެރުވިއިރު އެ މެޗުގެ ކުރިން ރައީސް އާއި އެކުގައި ދިޔަ ވެރިން ވަނީ ދަނޑުގެ އެއް ކައިރީގައި ފޮޓޯ ނަންގަވައިފަ އެވެ.

ރައީސްގެ އެ ޒިޔާރަތާ ގުޅިގެން ލިވަޕޫލުން ފޮޓޯއެއްހާ މިންވަރު ވެސް ޕޯސްޓުކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ފާޑުކިޔާފައިވެ އެވެ.

މީގެ އިތުރުން، ލިވަޕޫލުގެ މިހާރުގެ ޓީމު ނުވަތަ އެ ކްލަބުގެ އިސްވެރިންގެ ތެރެއިން އެއްވެސް ބަޔަކާ ރައީސްގެ ދަތުރުގައި ބައްދަލުކުރެއްވި ކަމެއް ރައީސް އޮފީހުން އަދި އެމްއެމްޕީއާރުސީން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ ދަތުރުގައި ރައީސް ވަނީ ލިވަޕޫލް، އަދި ލީޑްސް ގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ޔުނިވަސިޓީ އޮފް ލީޑްސްގެ އިސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުތަކުގެ ތަފްސީލް 15 ދުވަސް ތެރޭގައި ރައީސް އޮފީހުން ދިޔައީ ހާމަކުރަމުންނެވެ. ނަމަވެސް ދަތުރުތަކަށްދާ ހަރަދުގެ އަދަދު ހާމަކޮށް، ތަފްސީލްތައް ހާމަނުކުރާތީ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.