ޕީއެސްޖީން ފަހަތުން އަރައި ވިލާ ބަލިކޮށް ހަމަޖެހިލައިފި

9 އޭޕްރީލް 2025 - 21:10 0


ޕީއެސްޖީން ފަހަތުން އަރައި ވިލާ ބަލިކޮށް ހަމަޖެހިލައިފި

9 އޭޕްރީލް 2025 - 21:10 0

ޕެރިސް (އޭޕްރީލް 10) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި އެސްޓަން ވިލާ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ގަދަ 16 ބުރުގައި ލިވަޕޫލް ކަޓުވާލި ޕީއެސްޖީން ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި، އަމިއްލަ ދަނޑުގައި ވިލާއާ ދެކޮޅަށް ފަށަން ޖެހުނީ އުނދަގޫ ކޮށެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގެ 35 ވަނަ މިނިޓްގައި އެސްޓަން ވިލާ އިން ލީޑުނެގީ މޯގަން ރޮޖާސް ޖެހި ގޯލުންނެވެ. ރޮޖާސް މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، ޔޫރީ ޓީލަމަންސް އެވެ.

އެސްޓަން ވިލާ އަށް ލީޑުގައި އޮވެވުނީ، ހަތަރު މިނިޓެވެ. މެޗުގެ 39 ވަަނަ މިނިޓްގައި ޕީއެސްޖީން ވަނީ ޑެސެއާ ޑޫއޭ ޖެހި މޮޅު ގޯލުން އެއްވަރުކޮށްފަ އެވެ. މިއީ، ނޫނޯ މެންޑޭސް ދިން ބޯޅައަކުން ޑޫއޭ އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުތްތާ ހަތަރު މިނިޓް ތެރޭ ޕީއެސްޖީން ލީޑުނެގި އެވެ. މި ގޯލު ޖެހީ ޖެނުއަރީ މަހު ނަޕޯލީ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި، ކްވިޗާ ކްރަވަޝްކޭލިއާ އެވެ. މިއީ، ފަބިއަން ރުއީޒް ދިން ބޯޅައަކުން ޖާގައެއް ހޯދާލައި، ކްރަވަޝްކޭލިއާ ޖެހި ގޯލެކެވެ. ވިލާގެ ކުޅުންތެރިން ވަށާލައިފައި އޮތް ވަގުތު އޭރިއާތެރެއިން ޖާގައެއް ހޯދައި، ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ޕީއެސްޖީގެ އަޝްރަފް ހަކީމީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ޕީއެސްޖީން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން މެންޑޭސް ޖެހި ގޯލެކެވެ.