9 އޭޕްރީލް 2025 - 08:08 1
ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު: ގޭންގުތަކުގެ ލިސްޓެއް ނުގެންގުޅޭ ކަމަށް ވިދާޅުވިއިރު، އެކަމުގެ މައުލޫމާތު ހޯމް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނޭ -- ފޮޓޯ: ރައީސް އޮފީސް
9 އޭޕްރީލް 2025 - 08:08 1
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މައުލޫމާތު ހޯދން މައުލޫމާތު ހޯދައި ލިބިގަތުމަށް ލިބޭ ހައްގުގެ ގާނޫނުގެ ދަށުން އަދަދު އިން އެދުމުން މިދިޔަ ޑިސެމްބަރު މަހު ފުލުހުން ލިޔުމުން ދިން ޖަވާބެއް ބުނީ އެފަދަ ލިސްޓެއް ފުލުސް އޮފީހުން ނުގެންގުޅޭ ކަމަށެވެ.
ގޭންގުތަކުގެ އަދަދާއި ގޭންގުތަކުގައި މީހުން ހަރަކާތްތެރިވަމުންދާ އަދަދު ހޯދަން އެދުމުން ފުލުހުން ދިން ޖަވާބުގައި ބުނެފައި އޮތީ "ގާނޫނީގޮތުން މިހާތަނަށް ގޭންގުތަކެއް ކަނޑައެޅި ލިސްޓު ކުރެވިގެން އެފަދަ ލިސްޓެއް ބަލަހައްޓަމުން ނުގެންދެވޭ" ކަމަށެވެ.
ނަމަވެސް ގޭންގުތަކުގެ މައުލޫމާތާއި ލިސްޓު ބަލަހައްޓަމުންދާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ޝަހީދު ވަނީ ގޭންގުތަކުގެ ތަފާސްހިސާބު ފުލުހުން އެ މިނިސްޓްރާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޝަހީދު ވިދާޅުވީ ރާއްޖޭގައި 83 ގޭންގު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ގޭންގުތަކުގައި 3600 މީހުން، ކުށްކުރުމުގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެރި ރަށް މާލޭގައި އެކަނި ވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި 2500 މީހުން ހަރަކާތްތެރިވާ ކަމަށް ވެސް ހޯމް މިނިސްޓްރީގެ ނައިބު ވިދާޅުވި އެވެ. އަދި ގޭންގުތަކުގައި ގާތްގަނޑަކަށް 85 ކުޑަކުދިން ހަރަކާތްތެރިވާކަން އެނގިފައިވާ ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ލިސްޓެއް ނުގެންގުޅޭ ކަމަށް ޑިސެމްބަރު، 2024، ގައި ފުލުހުން ބުނިއިރު، މެއި، 2022، ގައި ވެސް ފުލުހުން ވަނީ ގޭންގުތަކުގެ ތަފާސްހިސާބުތަކެއް ހިއްސާކޮށްފަ އެވެ. އަދި އައްޑޫގައި ހަރަކާތްތެރިވާ ގޭންގުތަކުގައި އުޅޭ މީހުންގެ ސާފު ޗާޓެއް ފޮޓޯތަކާއެކު ފުލުހުން ހެދިކަން މިދިޔަ އަހަރު އޮތީ އެނގިފަ އެވެ. އެ ޗާޓު އޮތީ ފުލުސް އޮފީހުން އުކާލި ކުނިތަކެއްގެ ތެރޭގަ އެވެ.
Comment