ބޭންކުގެ "ކުށަކުން" ގިނަ ބައެއްގެ އެކައުންޓުގައި މަދުން ފައިސާ ހުރި ކަމަށް ދައްކަމުންދާ ކަމަށް ބީއެމްއެލް އިން އެއްބަސްވެއްޖެ

8 އޭޕްރީލް 2025 - 16:26 1

ހަސަން މުހައްމަދު

ހ

ބޭންކް އޮފް މޯލްޑިވްސްގެ އޮފީސް އިމާރާތެއް: އެ ބޭންކުގެ ހިދުމަތް ހޯދާ 345،000 ކަސްޓަމަރުން އުޅޭ -- ފޮޓޯ: އަދަދު ފައިލް


ބޭންކުގެ "ކުށަކުން" ގިނަ ބައެއްގެ އެކައުންޓުގައި މަދުން ފައިސާ ހުރި ކަމަށް ދައްކަމުންދާ ކަމަށް ބީއެމްއެލް އިން އެއްބަސްވެއްޖެ

8 އޭޕްރީލް 2025 - 16:26 1

ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓު ހުޅުވާފައި ހުރި ވަރަށް ގިނަ މީހުންގެ އެކައުންޓުގައި ފައިސާ ހުރި އަދަދަށްވުރެ މަދުން ފައިސާ ހުރި ކަމަށް ދައްކަމުންދާ ކަމަށް އެ ބޭންކުން މިއަދު އެއްބަސްވެއްޖެ އެވެ.

އެކައުންޓުން ކަނޑާފައި ހުރި ފައިސާ އަނެއްކާ ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ދައްކަމުންދާ ކަމަށް ބީއެމްއެލް އިން އެއްބަސްވީ ވަރަށް ގިނަ ބަޔަކު އެ މައްސަލަ ސޯޝަލް މީޑިއާއަށް ތިލަކޮށްލުމުން އަދި ބައެއް ނޫސްތަކަށް ވެސް އެ ހަބަރު އެރުމުންނެވެ.

އެކަމަށް ބީއެމްއެލް އިން އިއުތިރާފުވީ ސޯޝަލް މީޑިއާގައި ބައެއް މީހުންނަށް ކޮށްފައި ހުރި ރިޕްލައިތަކުގަ އެވެ. ނަމަވެސް، ކަނޑާފައި ހުރި ފައިސާ އަނެއްކާ ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ދައްކަނީ ކޮން މައްސަލައެއް ދިމާވެގެން ކަމެއް ބޭންކުން ނުބުނެ އެވެ.

ކަނޑާފައި ހުރި ފައިސާ އަނެއްކާ ވެސް ޕެންޑިން ޓްރާންސެކްޝަންތަކެއްގެ ގޮތުގައި ފެންނާތީ ވަރަށް ގިނަ މީހުންގެ އެކައުންޓު ބެލެންސް ވެސް ފެންނަން ހުރީ މަދުންނެވެ. އެ މައްސަލައިގައި ބީއެމްއެލް އިން ޖަވާބުދާރީވީ މައްސަލަ ޖެހިގެން އުޅޭތާ ވަރަށް ގިނަ ވަގުތު ފާއިތުވި ފަހުންނެވެ.

"ބޭންކް އޮފް މޯލްޑިވްސްއިން ދިވެހިން ފެލުމުގައި އަވަދި ނެތި،" އެކައުންޓުތަކުގައި ހުރި އަދަދަށްވުރެ މަދުން ފައިސާ ހުރި ކަމަށް ދައްކާތީ މީހަކު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ބުނެފައި އޮތެވެ.

ބީއެމްއެލްގެ މިފަދަ މައްސަލަތައް ދޭތެރެއަކުން ޖެހޭކަން ފާހަގަ ކުރެވެ އެވެ. އެ ބޭންކުގެ ސެކިއުރިޓީ ރަނގަޅު ކުރަން، ރައީސްކަމުގައި ހުންނެވިއިރު އިބްރާހިމް މުހައްމަދު ސޯލިހު ވެސް އޮތީ ގޮވައިލައްވައިފަ އެވެ.

"ފައިސާ ރައްކާކުރަން ބޭންކާ ހަވާލު ކުރަނީ، ބޭންކަށް ވަރަށް ބޮޑަށް އިތުބާރު ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މިހާރަށްވުރެ ވެސް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ޖެނުއަރީ 12، 2023، ގައި ސޯލިހު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި އެ ބޭންކުގެ ކަސްޓަމަރުންގެ އަދަދު 345،000 އަށް އަރަ އެވެ.